ސޯޝަލް މީޑިއާގެ މަގުބޫލު ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްގައި "އިނާ"ގެ ނަމުގައި ހިންގަމުންދާ އެކައުންޓަކުން އާންމުންނަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލައެއް ފެންމަތިވެ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، މި އެކައުންޓަކީ ސޯޝަލް މީޑިއާގައި އެކި ނަންނަމުގައި ޕްރޮފައިލް ހަދައިގެން ރޭވުންތެރިކަމާއެކު ސްކޭމް ހިންގަމުންދާ އެކައުންޓެއްކަން ވަނީ ކަށަވަރު ކުރެވިފައެވެ.
މި އެކައުންޓުން އާންމުންގެ އިތުބާރު ހޯދުމުގެ ގޮތުން ތަފާތު ތަކެތި ވިއްކުމަށާއި، ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ކަމަށް ބުނެ ގިނަ އަދަދެއްގެ އިސްތިހާރުތައް ޕޯސްޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ތެލުލި ބަނބުކެޔޮ ފަދަ ކާތަކެތި ވިއްކުމުގެ އިސްތިހާރުތައް ވެސް ހިމެނެއެވެ.
ފުލުހުން ބުނީ، މި އެކައުންޓް ހިންގާ ފަރާތުން މުދާ ނުވަތަ ޚިދުމަތް ދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން ފައިސާ ހޯދުމަށްފަހު، އެ ތަކެތި ފޯރުކޮށްނުދީ މަކަރު ހަދަމުންދާ ކަމުގެ ގިނަ ރިޕޯޓުތަކެއް ލިބެމުންދާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ އެކައުންޓް ހިންގަމުންދާ ފަރާތް ދެނެގަނެ، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ތަހުގީގީ މަރުހަލާގައި ފަށާފައެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ސޯޝަލް މީޑިއާ މެދުވެރިކޮށް މުާމަލާތްކުރާއިރު އެއީ ކާކުކަން ކަށަވަރު ނުކޮށް ފައިސާގެ މުއާމަލާތް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފޭކް އެކައުންޓްތައް ހަދައިގެން ޖިނާއީ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ހޯދައި، އެފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.
ދިވެހިރާއްޖޭގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގާ ސްކޭމްތަކުގެ މައްސަލަ އިތުރުވަމުންދާތީ، އާންމުން މިފަދަ ކަންކަމަށް ލޯހުޅުވި، އިތުރަށް ސަމާލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.




