ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މީހަކު އައްޔަންކުރުމަށްޓަކައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސަރުކާރުގެ އެކްޝަން ޕްލޭނާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީގެ އިރުޝާދުގެ ދަށުން ކަނޑައަޅާފައިވާ މަސްތުވާތަކެތިން ރައްކާތެރިވުމާއި ފަރުވާދިނުމުގެ ސިޔާސަތުތައް ތަންފީޒުކުރުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގައި ދެވޭ ކްލިނިކަލް، ނަފްސާނީ އަދި އިޖުތިމާއީ ފަރުވާގެ ހިދުމަތްތައް އިސްވެ ރާވައި ހިންގުމާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ކަނޑައަޅާ މިންގަނޑުތަކަށް ހިދުމަތުގެ ފެންވަރު ހުރިތޯ ކަށަވަރުކުރުމަކީ ވެސް ސީއީއޯގެ ޒިންމާއެކެވެ.
ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުން އައްޔަންކުރާ މި މަގާމުގެ މުސާރައަކީ މަހަކު 23,935 ރުފިޔާއެވެ. މީގެ އިތުރުން، އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 28,095 ރުފިޔާ ލިބޭނެ ކަމަށް އެންޑީއޭއިން މައުލޫމާތުދެއެވެ. އެހެންކަމުން، މި މަގާމަށް މަހަކު ޖުމްލަ 52,030 ރުފިޔާގެ އުޖޫރައެއް ލިބޭނެއެވެ.
މި މަގާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 8 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. އެންޑީއޭއިން ބުނި ގޮތުގައި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ. މަގާމަށް މީހަކު ހޮވުމުގައި، އިންޓަވިއުގެ އިތުރުން ކޮންމެ ފަރާތަކުން ހުށަހަޅަންޖެހޭ ޕްރެޒެންޓޭޝަނަށް ވެސް ރިއާޔަތްކުރެވޭނެއެވެ.



