ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފ. ދަރަނބޫދޫގެ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މިއަދު ހަވީރު ދަރަނބޫދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ދަނޑު ހުޅުއްވައިދެއްވުމަށްފަހު، އެކަމަނާ ވަނީ ރަށުގެ ކުދިބޮޑު ރައްޔިތުންނާ ބައްދަލުކުރައްވައި، ކުޅިވަރުގެ މައިދާނުގައި ޒުވާނުންނާއި ކުޑަކުދިންނަށް ފަހިވެގެންދިޔަ މި ފުރުޞަތުގެ އުފަލުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި އެކަމަނާގެ އަރިހުގައި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާގެ އިތުރުން ދަރަނބޫދޫ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ބޭއްވި އެކުވެރިކަމުގެ މެޗުގައި ބައްދަލުކުރީ ފ. ނިލަންދޫ އަދި ފ. ދަރަނބޫދޫގެ އުމުރުން 12 އަހަރުން ދަށުގެ ކުޑަކުދިންގެ ދެ ޓީމެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ބައްލަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މެޗުގެ ބައިވެރިންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވައި، ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.
މި ދަނޑަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ރޭގަނޑުވެސް ކުޅެވޭނެހެން ލައިޓިންގ ސިސްޓަމާއެކު ފަރުމާކުރެވިފައިވާ ދަނޑެކެވެ. މިއީ ރަށުގެ ޒުވާނުންނާއި ކުޑަކުދިން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށާއި، ކުޅިވަރުގެ ހުނަރުތައް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ރަށު ކައުންސިލުން ފާހަގަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދަރަނބޫދޫއަށް ކުރެއްވި މި ޒިޔާރަތަކީ، އެ އަތޮޅުގެ ބައެއް ރަށްތަކަށް އެކަމަނާ ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ހިމެނޭ މުހިންމު ބައެކެވެ. މި ދަތުރުފުޅުގައި އެކަމަނާ ވަނީ ރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވައި، އިޖުތިމާޢީ ދާއިރާއިން ރަށަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.




