ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި ޞިއްޙީ ކަމެއް ނޫން ކަމަށާއި، އެއީ ޤައުމެއްގެ ތަހުޒީބާއި އިންސާނީ އަޚުލާޤު ހުރި މިންވަރު އަންގައިދޭ މުހިންމު ބަހާއެއް ކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ރައީސް އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވާފައެވެ.
މިއަހަރުގެ ދުވަހުގެ ޝިޢާރު ކަމަށްވާ "ކޮންމެ މާހައުލެއްގައި ރައްކާތެރި ކާބޯތަކެތި – ބަލިމަޑުކަމަށް ޙައްލެއް" މި މައުޟޫޢަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމަކީ އެ މުޖުތަމަޢެއްގެ ދިރިއުޅުމުގެ އާދަކާދަތައް ހުރި މިންވަރު އަންގައިދޭ މުހިންމު މިންގަނޑެއް ކަމަށެވެ. އަދި މިފަދަ ހެޔޮ އާދަތަކަކީ ޅަފަތުގެ ތަރުބިއްޔަތުން ފެށިގެން މަދަރުސާތަކާއި މުޖުތަމަޢުގެ ތެރޭގައި އަށަގަންނުވަންޖެހޭ ކަންކަން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފަސްޓްލޭޑީ ފާހަގަކުރެއްވި ގޮތުގައި މި ދާއިރާއިން ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފަންނީ އިންސާނީ ވަސީލަތްތަކާއި އެކަށީގެންވާ އާލާތްތައް މަދުވުމުގެ އިތުރުން، ހަރުދަނާ ޤަވާއިދުތަކެއް ނެތުމެވެ. ނަމަވެސް، އަލަށް ޢަމަލުކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ ޤާނޫނުގެ ދަށުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މިހާރު އެކުލަވާލަމުންދާ އުޞޫލުތަކުގެ ސަބަބުން، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ބޮޑެތި މާކެޓްތަކަށް އުފެއްދުންތައް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ނަމަވެސް، އައު އީޖާދުތަކާއެކު ގޭގޭގެ ފެންވަރުގައި ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު ފުޅާވެފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް 'ވަންގަވް' ޕޯޓަލް ފަދަ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް މިފަދަ ޚިދުމަތްތައް ހޯދުމުގެ މަގު ފަހިވެފައިވާކަން ބަޔާންކުރެއްވިއެވެ.
"ކާބޯތަކެތީގެ ރައްކާތެރިކަމަކީ ގޭތެރޭން ފެށިގެން، މުޅި ޤައުމީ ފެންވަރުގައި އޮންނަން ޖެހޭ ތަހުޒީބީ ސިފައެއް،" ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، "ދަނޑުން ސުފުރާއަށް" ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ސަރުކާރުގެ އިދާރާތަކުގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި، އެއީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމުގައި ދެކިގެން މަސައްކަތް ކުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވަމުންނެވެ.




