ކޮލަމްބޯ ޕޯޓުން ރާއްޖެއަށް ކޮންޓޭނަރު އުފުލުމުގައި ކުރިމަތިވި ހުރަސްތަކަށް މިހާރު ހައްލެއް ހޯދާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
އެމްޕީއެލް އިން މައުލޫމާތު ދޭ ގޮތުގައި، މި އަހަރުގެ ކުރީކޮޅުން ފެށިގެން މާލޭ ވިޔަފާރި ބަނދަރަށް މުދާ ބޭލުމުގައި ލަސްތަކެއް ދިމާވެ، ކޮލަމްބޯ މެދުވެރިކޮށް ރާއްޖެއަށް ކޮންޓޭނަރު ގެނައުމުގައި ކުރިމަތިވި ދަތިތައް މިހާރު ވަނީ ހައްލުކުރެވިފައެވެ.
މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުން ލަސްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، މި އަހަރުގެ ފެށުމާއެކު ރާއްޖެއަށް މުދާ ހިފައިގެން އަންނަ އުޅަނދުފަހަރުގެ އަދަދު އިތުރުވުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މީގެ އިތުރުން، ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން މުދާ ބޭލުމުގެ މަސައްކަތްތަކަށް ބުރޫއަރައި، އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯ ޕޯޓުގައި ރާއްޖެއަށް ގެންނަން ހުރި ގިނަ އަދަދެއްގެ ކޮންޓޭނަރުތަކެއް ވަނީ ތާށިވެފައެވެ.
އެ މުއްދަތުގެ ތެރޭގައި ރާއްޖެއާ ކޮލަމްބޯއާ ދެމެދު ދަތުރުތައް ކުރިއަށް ދިޔަ ނަމަވެސް، ގާތްގަނޑަކަށް 4,200 ކޮންޓޭނަރު ލަންކާގެ ބަނދަރުގައި މަޑުޖެހިފައި އޮތެވެ.
މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ވަގުތީ އަދި ދާއިމީ ހައްލެއް ހޯދުމަށާއި، ބަނދަރުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެމްޕީއެލް އިން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.




