ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އިންތިޚާބު ކުރައްވައިފިއެވެ.
ޖޭއެސްސީގެ ނައިބު ރައީސްކަމަށް އައު ބޭފުޅަކު މި އިންތިޚާބު ކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި އަލްއުސްތާޛު ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފަނޑިޔާރު ޙުސައިން ޝަހީދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޮމިޝަނުގެ މެންބަރުކަމަށް އެ ކޯޓުން އިންތިޚާބު ކުރައްވާފައިވާ ފަނޑިޔާރެވެ.
ޖުމްލަ 10 މެންބަރުންގެ މައްޗަށް އެކުލެވޭ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސަކީ އަލްއުސްތާޛު ޙުސްނީ މުބާރިކެވެ.



