ނަމާދު ވަގުތުތަކުގައި އއ. ތޮއްޑޫގެ ހުރިހާ ކުޅިވަރު ކުޅޭ ތަންތަނެއް ބަންދުކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ތޮއްޑޫ ކައުންސިލުން ރައްޔިތުންނަށް ފޮނުވި އެންގުމެއްގައި ބުނެފައިވަނީ، ކޮންމެ ނަމާދު ވަގުތަކާ ގުޅިގެން 30 މިނެޓަށް ކުޅިވަރު ކުޅޭ ތަންތަން ބަންދުވާނެ ކަމަށެވެ.
މީގެ އިތުރުން، ކޮންމެ ދުވަހަކު ހަވީރު 6:00 އިން ރޭގަނޑު 8:00 އަށް، އަދި ހުކުރު ދުވަސްތަކުގެ ހެނދުނު 10:30 އިން މެންދުރުފަހު 2:00 އަށްވެސް އެ ތަންތަން ބަންދުކުރަން ވަނީ ނިންމާފައެވެ.
ކައުންސިލްގެ މި ނިންމުމުގައިވާ ގޮތުން، އެ ކަނޑައެޅިފައިވާ ވަގުތުތަކުގައި ކުޅިވަރު ކުޅުމަކީ މަނާކަމެކެވެ. އަދި މި ނިންމުން ތަންފީޒުކުރަމުންދޭތޯ ބެލުމުގެ ޒިންމާ އެ ރަށު ކައުންސިލްގެ ޔޫތު އެސޯސިއޭޓާއި ސްޕޯޓްސް ކައުންސިލަރާ ވަނީ ހަވާލުކޮށްފައެވެ.
ނަމާދު ވަގުތުތަކުގައި ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމަށް ތޮއްޑޫ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ، ނަމާދު ވަގުތުތަކަށް ކުޅިވަރު މެދުކަނޑާލައި، ކުޅިވަރު ކުޅޭ ސަރަހައްދުތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.



