ދުނިޔޭގެ މަގުބޫލު ޓްރެވަލް ސައިޓެއް ކަމަށްވާ 'ބުކިންގ ޑޮޓް ކޮމް' ގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް އާ ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިއީ ރިފަންޑެއް ދޭން ކަމަށް ބުނެ، ކާޑުގެ މައުލޫމާތު ވަގަށް ނެގުމަށް ސްކޭމަރުން ފޮނުވަމުންދާ 'ފިޝިންގ' ލިންކުތަކެކެވެ.
ސްކޭމް ލިންކުތައް ދެނެގަންނާނެ ގޮތްތައް:
ސައްހަ ނޫން ލިންކު: ރަސްމީ ވެބްސައިޓްގެ ބަދަލުގައި މެސެޖުގައި ހިމަނާފައިވަނީ އޮޅުވާލުމެއް އެކުލެވޭ ކުރު ލިންކެކެވެ.
އަވަސްކުރުވަން ބާރުއެޅުން: ވަކި ވަގުތެއްގެ ތެރޭގައި (މިސާލަކަށް 24 ގަޑިއިރު) ކަންކަން ފުރިހަމަކުރަން އަންގައި، ވިސްނާލުމުގެ ފުރުސަތު ނުދީ ބިރުވެރިކަން އުފައްދައެވެ.
ކާޑުގެ ސިއްރު މައުލޫމާތަށް އެދުން: އެއްވެސް އިތުބާރު ހުރި ކުންފުންޏަކުން ރިފަންޑް ދިނުމަށް ކާޑުގެ ނަންބަރާއި، މުއްދަތު ހަމަވާ ތާރީޚު ނުވަތަ ސީ.ވީ.ވީ ކޯޑު ހޯދުމަށް ލިންކެއް ނުފޮނުވާނެއެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ޝައްކުކުރެވޭ ލިންކުތަކަށް ނުފިތުމަށާއި، އޯ.ޓީ.ޕީ ނުވަތަ ބޭންކު ކާޑުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ބުކިންގްއާ ގުޅޭ އެއްވެސް މުއާމަލާތެއް ކަށަވަރުކުރުމަށް ބޭނުންވާ ނަމަ، އަމިއްލައަށް ރަސްމީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓް މެދުވެރިކޮށް އެކަން ކުރުމަށްވެސް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.



