ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިޚާބުކުރައްވައިފިއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިއްޔެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނާޒިމް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ މެންބަރުން ސޮއިކުރައްވައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
ނާޒިމްގެ މައްޗަށް ތުހުމަތުކުރެވުނީ މަޖިލީހުގެ މެންބަރުންގެ މެދުގައި ފިތުނަ އުފައްދައި، މަސްލަހަތު ގެއްލުވާލުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް، އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނުގައި ނާޒިމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.
ނައިބު ރައީސްކަމަށް ސަލީމްގެ ނަންފުޅު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.
މި ހުށަހެޅުމަށް ތާއީދުކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ. މީގެ އިތުރުން، އެމްޑީޕީގެ ފަރާތުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ ވަނީ ޒިޔާދުގެ ނަންފުޅު ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރެވެ.
ނައިބު ރައީސް ހޮވުމަށް ނެގި ސިއްރު ވޯޓުގެ ނަތީޖާ އަކީ:
އަހްމަދު ސަލީމަށް: 62 ވޯޓު
ޒިޔާދަށް: 10 ވޯޓު
ބާތިލް ވޯޓު: 2
އަހްމަދު ސަލީމަކީ 2004 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވަމުން ގެންދަވާ، މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ބޭފުޅާއެވެ. މިއީ މަޖިލީހުގައި އޭނާ ފުރިހަމަކުރައްވަމުން ގެންދަވާ ޖެހިޖެހިގެން 5 ވަނަ ދައުރެވެ.




