ކުރިއަށް އޮތް 1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު، މާލެ ސިޓީގެ ބޮޑު ޖަމާޢަތުގައާއި އެކި މިސްކިތްތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ތަންތަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު އިޢުލާނު ކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ އިޢުލާނުގައިވާ ގޮތުން، މާލެއާއި، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން ގިނަ އަދަދެއްގެ މައިދާންތަކާއި މިސްކިތްތަކުގައި ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ބޭއްވުމަށް ވަނީ އިިންތިޒާމު ކުރެވިފައެވެ. އެހެން އަހަރުތަކެކޭވެސް އެއްފަދައިން، މިފަހަރުވެސް ޢީދު ނަމާދު ކުރަން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 07:00 ގައެވެ.
މާލެ ސަރަޙައްދުގައި ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ބޭއްވުމަށް ހަމަޖެހިފައިވާ މައިދާންތަކަކީ:
- މާފަންނު ސްޓޭޑިއަމް (މާލެ)
- ވިލިމާލެ ބޯޅަދަނޑު (ވިލިމާލެ)
- ހުޅުމާލެ ފޭސް 1 ގެ ސިންތެޓިކް ޓްރެކް (ހުޅުމާލެ)
- ހުޅުމާލެ ފޭސް 2 ގެ ހުސްބިން (މަސްޖިދު ޙަސަން އާދަމް ކައިރި)
މައިދާންތަކުގެ އިތުރުން، އިސްލާމީ މަރުކަޒާއި ކިންގް ސަލްމާން މިސްކިތް ހިމެނޭހެން މާލޭގެ 16 މިސްކިތެއްގައި ޢީދު ނަމާދު ކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި މަސްޖިދުލް ފުރުޤާން، މަސްޖިދުއްނޫރު އަދި މަސްޖިދުލް ޖަލާލުއްދީން ފަދަ ޖާގަ ބޮޑެތި މިސްކިތްތައް ހިމެނެއެވެ.
ވިލިމާލޭގެ މަސްޖިދުއްސަލާމްގައި ޢީދު ނަމާދު ކުރާއިރު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ހިމެނޭހެން ޖުމްލަ 7 މިސްކިތެއްގައި ޢީދު ނަމާދުގެ ޖަމާޢަތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މައިދާންތަކުގައި ބޮޑު ޖަމާޢަތް ބޭއްވޭގޮތް ނުވެއްޖެ ނަމަ، މާލެ ސިޓީގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޢީދު ނަމާދުގެ ޖަމާޢަތް ބާއްވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.



