މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީން އިންތިޒާމުކޮށްގެން ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާ ގުޅިގެން ކުރިއަށް ގެންދިޔަ "ހޯމް ޓީމް އެޑްވާންސްޑް ލީޑަރޝިޕް ޕްރޮގްރާމް 2" ނިންމާލައިފިއެވެ.
މި ޕްރޮގްރާމް ނިންމުމަށް އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީންއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ހޯމް ޓީމްގައި ހިމެނޭ އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕްރޮގްރާމަކީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުގައި ހިމެނޭ މުއައްސަސާތަކުގެ އިސްވެރިންގެ ސްޓްރެޓީޖިކް، އޮޕަރޭޝަނަލް އަދި އެތިކަލް ލީޑަރޝިޕްގެ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ޚިދުމަތް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި ނެޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ) އިން ޖުމްލަ 24 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
އައްޑޫ ސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި އެޕްރީލް 26 އިން މޭ 15 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ބައިވެރިންނަށް ސިނާރިއޯ ބޭސްޑް އެކްސަސައިޒްތަކާއި މަސައްކަތާ ގުޅުންހުރި އެކި އެސައިންމަންޓްތައް ދެވިފައިވެއެވެ. އޭގެ ތެރޭގައި ސްޓްރެޓީޖިކް ލީޑަރޝިޕް، ގަވަރނަންސް، ކްރައިސިސް މެނޭޖްމަންޓް، ސައިބަރ ސެކިއުރިޓީ އަދި މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން (އިންޓަރ އެޖެންސީ ކޮލޮބަރޭޝަން) ފަދަ މުހިންމު ދާއިރާތަކުން މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، އިދާރީ ހިންގުން ހަރުދަނާކުރުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ސަރަޙައްދީ އަދި ބައިނަލްއަގުވާމީ އެއްބާރުލުން ހޯދުމާ ގުޅޭގޮތުން ވެސް ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ނެޝަނަލް ޑިޖިޓަލް ސަރވިސަސްގެ ފަރާތުން ޚާއްޞަ ޑިޖިޓަލް ފޯރަމެއް ވެސް ބާއްވާފައިވެއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ މިނިސްޓްރީގެ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަހުލާގީ މިންގަނޑުތަކުގެ ތެރެއިން ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރުކުރުމާއި، ކާރިސާތަކަށް އިޖާބަދިނުމާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް އަހުލުވެރިވެފައިވާ މަތީ ފެންވަރުގެ ޓީމުތަކެއް މުއައްސަސާތަކުގައި ބިނާކުރުމެވެ.



