މާތިލާފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗެއްގެ ބަނޑުފިލާ ފަޅައިގެންގޮސް، އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ ކުއްލި އޮޕަރޭޝަނެއް މެރިން ޕޮލިހުން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބުމާއެކު މެރިން ޕޮލިހުގެ ދެ އުޅަނދެއް ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ. މިހާރު އެ ސަރަހައްދުގައި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން ބާރު މިނުގައި ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް، މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ހާދިސާ ދިމާވި ލޯންޗުގެ ބޮޑުބައެއް ވަނީ އަޑިއަށް ގޮސްފައެވެ.
އަދި ލޯންޗުން ދަތުރުކުރި ގިނަ އަދަދެއްގެ މީހުން ކަނޑުވެފައިވާ މަންޒަރު ފެންނައިރު، އެ އެންމެންވެސް ތިބީ ލައިފް ޖެކެޓު އަޅައިގެން ކަނޑުމަތީގައި އެހީއަށް އިންތިޒާރުކޮށްގެންނެވެ.



