އދ. މަހިބަދޫ ކައުންސިލްގެ ނައިބު ރައީސް އިންތިޚާބު ކުރުމަށް ބޭއްވި ޖަލްސާގައި އެއްވެސް ކެނޑިޑޭޓަކަށް އަޣުލަބިއްޔަތު ނުލިބި، އެ މަގާމު ހޮވުން ތާށިވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ކައުންސިލަރުން ހުވާކުރުމަށްފަހު ބޭއްވި ފުރަތަމަ ޖަލްސާގައި ނައިބު ރައީސް ހޮވުމަށް ނެގި ފުރަތަމަ ވޯޓުގައި އެމްޑީޕީގެ ކައުންސިލަރު ޒައީމާ މުހައްމަދާއި ޕީއެންސީގެ ކައުންސިލަރު މުހައްމަދު މައުމޫނަށް ލިބިފައިވަނީ ކޮންމެ ބޭފުޅަކަށް 2 ވޯޓެވެ.
އަދި އަމިއްލަ ގޮތުން އިންތިޚާބުވި ކައުންސިލަރު ބުންޔާމީން ހަސަންއަށް ލިބިވަޑައިގަތީ 1 ވޯޓެވެ.
މި ނަތީޖާއާ ގުޅިގެން، ނައިބު ރައީސް ހޮވުމަށް ތަކުރާރުކޮށް ފަސް ފަހަރަށް ވޯޓުލުން ކުރިއަށް ގެންދިޔަ ނަމަވެސް، އެއްވެސް ކޮޅަކަށް ނަތީޖާ އަނބުރާލެވިފައެއް ނުވެއެވެ. ދެވަނަ ފަހަރުން ފެށިގެން ފަސްވަނަ ފަހަރާ ހަމައަށްވެސް ޒައީމާ މުހައްމަދަށާއި މުހައްމަދު މައުމޫނަށް 2 ވޯޓު ލިބިފައިވާއިރު، އިތުރަށް އޮތް އެއް ވޯޓަކީ ބާތިލު ވޯޓެކެވެ.
ޤާނޫނީ ގޮތުން ކައުންސިލްގެ ފުރަތަމަ ޖަލްސާގައި ނިންމަންޖެހޭ ނައިބު ރައީސް ހޮވުމުގެ މައްސަލަ މިހާރު އޮތީ "ޑެޑްލޮކެއް" ގައެވެ.




