ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން، ހއ. ވަށަފަރު، ބޮޑުގެ، ޔޫސުފް ވަހީދު މިއަދު ވަކިކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ހާމަކުރައްވާފައިވާ ގޮތުގައި، އެޗްޑީސީގެ ބޯޑު މެންބަރުކަމުން ޔޫސުފް ވަހީދު ވަކިކުރައްވަން ނިންމެވީ މިއަދުން ފެށިގެންނެވެ.
ނަމަވެސް، މި ބަދަލު ގެންނެވި ވަކި ސަބަބެއް އެ ބޯޑުން ހާމަކުރައްވާފައެއް ނުވެއެވެ. ޔޫސުފް ވަހީދަކީ މީގެ ކުރިން ސްޓެލްކޯގެ ބޯޑު މެންބަރުކަންވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ބޯޑުތަކަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ޕީސީބީން ދަނީ ކުރަމުންނެވެ. އެގޮތުން، މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޗެއާމަންގެ މަގާމުގައި ހުންނެވި ސ. ފޭދޫ، ނާޒުކީގޭ ޝަމްހޫޒާ އަހުމަދު ވެސް އިއްޔެ ވަނީ މަގާމުން ވަކިކުރައްވާފައެވެ.



