ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮންމެ ހޯމަ ދުވަހަކު ބޭއްވުމަށް ނިންމަވާފައިވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން، މިއަދަށް ތާވަލުކުރި ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ.
މިއަދުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ނޫސްވެރިންގެ ނަންތައް ރޭ ދަންވަރު 12:00 ގެ ކުރިން ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރޭ ވަނީ މީޑިއާތަކަށް ދައުވަތު ފޮނުވާފައެވެ.
އެހެންނަމަވެސް، މިއަދު ހެނދުނު 9:15 އަށް ރައީސް އޮފީހަށް ހާޒިރުވުމަށް އެދުމަށްފަހު، ފަހުން ފޮނުވި މެސެޖެއްގައި ވަނީ މިއަދުގެ ބައްދަލުވުން ނޯންނާނެކަން ހާމަކޮށްފައެވެ.
ނަމަވެސް، މި ބައްދަލުވުން ކެންސަލް ކުރަން ޖެހުނު ވަކި ސަބަބެއް އެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން އިޢުލާނުކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ދަތުރުފުޅެއްގައި އުޅުއްވުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން ފަދަ ޝެޑިއުލަށް ބަދަލު އަންނަ ފަދަ ޒަރޫރީ ކަމެއް މެދުވެރިވެގެން މެނުވީ، ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.



