އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އިދާރީ ގޮފިތަކެއްގެ ގޮތުގައި "އަތޮޅު އޮފީސް" ތައް ގާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އައިޝަތު އިކްރާމް ސޮއިކުރައްވައި އެލްޖީއޭއަށް ފޮނުއްވި ސިޓީއެއްގައި ބަޔާންކޮށްފައިވަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން އިދާރީ ދާއިރާތަކުގައި ގާއިމުކުރާ މި އޮފީސްތަކަކީ ސަރުކާރުގެ ވަކި މިނިވަން އިދާރާތަކަކަށް ނުވާތީ، އެ ތަންތަނަށް ރަސްމީކޮށް ބޭނުންކުރާނެ ވަކި ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
މިގޮތުން މި އިދާރާތަކަށް ކިޔާނެ ނަމަކީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - (އަތޮޅުގެ ނަން) އޮފީސް" އެވެ. މިސާލަކަށް "ލޯކަލް ގަވަމަންޓް އޮތޯރިޓީ - ބ. އަތޮޅު އޮފީސް" މިފަދައިންނެވެ.
އަތޮޅު ކައުންސިލްތަކުގެ ދައުރު މިއަދަށް ހަމަވެ، އެ އިދާރާތައް އުވިފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާގެ ކަންކަން ލާމަރުކަޒީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހަމަޖެއްސުމަށް ވެސް ރައީސް ވަނީ އިރުޝާދު ދެއްވާފައެވެ.
ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހާއެކު، އަތޮޅު ކައުންސިލަރުންގެ ދައުރު ހަމަވުމުން އެ ކައުންސިލްތައް މިހާރު ވަނީ ގާނޫނީގޮތުން އުވިފައެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ގޮތުގައި މިހާރު ވަނީ ހަމަޖައްސާފައެވެ.




