އައްޑޫ ސިޓީގައި ގާއިމުކުރާ އައްޑޫ ރީޖަނަލް ފްރީ ޒޯންއިން ވިޔަފާރިތަކަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުވާލައިފިއެވެ.
މި ސަރަހައްދުގައި މުދާ ރައްކާކުރުމާއި، ފްރީ ޒޯންއާ ގުޅުންހުރި އެކި ބާވަތުގެ މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އީ.އޯ.އައި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 13 މެއި 2026 އިން ފެށިގެން 11 ޖޫން 2026 ގެ ނިޔަލަށެވެ.
އައްޑޫ ރީޖަނަލް ފްރީ ޒޯންގެ ޚިދުމަތަށް އެދޭ ފަރާތްތަކުން business@port.mv އަށް އީމެއިލް މެދުވެރިކޮށް އީ.އޯ.އައި ހުށަހެޅޭނެއެވެ. މީގެ އިތުރުން، އީ.އޯ.އައި އާއެކު އެ ކުންފުނިން ދީފައިވާ ސަރވޭ ފޯމު ފުރިހަމަކޮށް ހުށަހެޅުމަށްވެސް އެމްޕީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.
ކުއްޔަށް ދޫކުރާ އަގުތައް:
މި ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ޓެރިފްތައް މިހާރު ވަނީ އާންމުކޮށްފައެވެ. އެގޮތުން ޑިއުޓީ ފްރީ ޒޯންގެ ހުސްބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އަގުތަކަކީ:
- 1,000 އަކަފޫޓަކަށް ދުވާލަކު 153.33 ރުފިޔާ (ޖީ.އެސް.ޓީ ނުލައި)
1,000 އަކަފޫޓަކަށް ދުވާލަކު 165.60 ރުފިޔާ (ޖީ.އެސް.ޓީ އާއެކު)
ބިން ލިބޭ ފަރާތްތައް ކަނޑައެޅުން:
އީ.އޯ.އައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، އެ ފަރާތްތަކުން ކުރަން ބޭނުންވާ މަސައްކަތުގެ ތަފްސީލާއި، ބޭނުންވާ ބިމުގެ ބޮޑުމިނާއި، ލީސް އެއްބަސްވުމާ ގުޅޭ ތަފްސީލުތައް ހިމެނޭ ގޮތަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފަހުން ފުރުސަތު ހުޅުވާލެވޭނެއެވެ. ބިން ލިބޭ ވިޔަފާރިތައް ކަނޑައަޅާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހުގައެވެ.
މި މަޝްރޫއަކީ އައްޑޫ ސިޓީގެ އިގްތިސާދު ކުރިއެރުވުމަށާއި، ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.



