ވޭވަށު ކައުންސިލްގެ އާންމު ދެ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބު، އެމްޑީޕީގެ ކެންޑިޑޭޓް އަޙްސަން ނައީމް ކާމިޔާބުކުރެއްވީ ދެ ވޯޓުގެ ތަފާތުންނެވެ.
އެގޮތުން އަޙްސަންއަށް 121 ވޯޓު ލިބިވަޑައިގަތްއިރު، މައްސަލަ ހައިކޯޓަށް ހުށަހެޅުއްވި ޕީއެންސީގެ ކެންޑިޑޭޓް މުޙައްމަދު ނަޒީހަށް ލިބިވަޑައިގަތީ 119 ވޯޓެވެ.
މި އިންތިޚާބީ ޝަކުވާއާ ގުޅިގެން ހައިކޯޓުން މިއަދު އިއްވި ޙުކުމުގައި ފަނޑިޔާރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ، އިންތިޚާބުގައި މައްސަލަ ޖެހުނު ތިން ވޯޓެއް ބާޠިލުކުރުމަށެވެ.
މި ތިން ވޯޓަކީވެސް އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވާ ވޯޓުތަކަކަށް ވާތީ، އެ ވޯޓުތައް އުނިކުރުމުން އަޙްސަންގެ ވޯޓުގެ އަދަދު 118 އަށް ދަށްވިއެވެ. މިއާއެކު، 119 ވޯޓު ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓަށް އިންތިޚާބު ކާމިޔާބުވީކަމަށް ވަނީ ކަނޑައަޅާފައެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން މި މައްސަލަ ނިންމެވިއިރު، އަޣުލަބިއްޔަތު ރައުޔުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމާއި، މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ އެވެ.
ފަނޑިޔާރު ރައޫފަކީ މީގެކުރިން ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާފައިވާ ބޭފުޅެކެވެ. މި ދެ ފަނޑިޔާރުންގެ ރައުޔަކީ ތިން ވޯޓު ކަރުދާސް ބާޠިލުކުރުމެވެ. ނަމަވެސް، ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔު ތަފާތުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ސަބަބެއް ނެތް ކަމަށެވެ.
ވޭވަށު ކައުންސިލް އިންތިޚާބުގެ މި މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން އެ ކޮމިޝަނުން ވޯޓުތައް އަލުން ގުނާފައިވާކަން ފާހަގަކުރެވެއެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމާއެކު، އިނދިކޮޅު އެމްޑީޕީއަށް އިންތިހާބުގައި ލިބިފައި އޮތް ވޭވަށު ކައުންސިލްގެ މެޖޯރިޓީ، ވެރިކަން ކުރާ ޕީއެންސީއަށް ފުރޮޅިގެންދާނެއެވެ.



