ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ނިއުދިއްލީގައި ހުންނަ އިންޑިއާގެ ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ތަރައްޤީގައި އިންޑިއާއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، އިޤްތިސާދީ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ވަޒީރުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މި ދަތުރުފުޅަކީ އިންޑިއާގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅަކަށް ވާއިރު، މިއީ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އެކަމަނާ ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.




