އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިން އާއި ގަވާއިދާ ޚިލާފަށް މީހުން އެތެރެކުރުމާ ގުޅޭ މައުލޫމާތު އެއްކުރުމަށް އަމާޒުކޮށްގެން ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ޚާއްސަ ވޯކްޝޮޕެއް ރާއްޖޭގައި ފަށައިފިއެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިން އިންތިޒާމުކޮށްގެން ބާއްވާ މި ސަރަހައްދީ ވޯކްޝޮޕް ކުރިއަށްދާނީ މި މަހުގެ 12 އިން 14 ގެ ނިޔަލަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ވޯކްޝޮޕް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޑރ. އަބްދުﷲ ފައިރޫޝްއެވެ.
މި ވޯކްޝޮޕުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިންޑިއާ، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ މަސައްކަތްކުރާ އެންޓި-ޓިޕް އޮފީހާއި، މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް އިމިގްރޭޝަންގެ މަންދޫބުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ސަރަހައްދީ އެއްބާރުލުން ވަރުގަދަކުރުމާއި، އިންސާނީ ވަގުފާރި އާއި ގަވާއިދާ ޚިލާފަށް މީހުން އެތެރެކުރުމާ ގުޅޭ މައުލޫމާތު އެއްކުރުމާއި ދިރާސާކުރުމެވެ. އަދި ގައުމުތަކުގެ މެދުގައި މިފަދަ މައުލޫމާތު ހިއްސާކުރުން ހަރުދަނާކޮށް، އެފަދަ ކަންކަން ހިނގާ ގޮތް ދެނެގަތުމަކީ ވެސް މި ވޯކްޝޮޕްގެ މުހިންމު ބޭނުމެކެވެ.
މި ވޯކްޝޮޕްގެ ތެރެއިން، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، މިފަދަ މައްސަލަތަކުގެ ތަހުގީގުތަކަށް އެހީތެރިވުމުގެ އިތުރުން، ހަރުދަނާ ސިޔާސަތުތަކާއި އިޖާބަތައް އެކުލަވައިލުމަށް އިތުބާރު ހުރި މައުލޫމާތާއެކު އެކި ގައުމުތަކާއެކު މަޝްވަރާތައް ކުރިއަށްދާނެއެވެ.
މި މަސައްކަތަކީ ދިވެހިރާއްޖޭގައި ގައުމީ ފެންވަރުގައި މިފަދަ ކަންކަމާ ގުޅޭ މައުލޫމާތު ވިލަރެސްކުރުން ވަރުގަދަކުރުމަށާއި، ކަމާބެހޭ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. މީގެ ސަބަބުން ހެކީގެ މައްޗަށް ބިނާކޮށް އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާވެ، ބޯޑަރު ހުރަސްކޮށް ހިންގާ ޖަރީމާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކާއެކު ގާތުން މަސައްކަތް ކުރުމުގެ މަގު ފަހިވެގެންދާނެއެވެ.



