މި ދުވަސްވަރު ބޭންކު އެކައުންޓު ކުއްޔަށް ދިނުމުގެ މައްސަލަތައް އިތުރުވަމުންދާތީ، އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ބަލައި ދައުވާ އުފުލިދާނެ ކަމެއް ކަމަށާއި، އަދި ބޭންކިންގް ޚިދުމަތްތަކުން މަހްރޫމްވެދާނެ ފަދަ ސީރިއަސް މައްސަލައެއްކަމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، ބޭންކު އެކައުންޓު ކުއްޔަށް ދިނުމަކީ ބޮޑެތި ކުށްތަކަށް މަގުފަހިވާ ކަމެކެވެ. ޚާއްޞަކޮށް ޓިކްޓޮކް އަދި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ މަންސަތަކުގައި "ބޭންކް އެކައުންޓް ކުއްޔަށް ނަގަނީ" ނުވަތަ "ފަސޭހައިން ފައިސާ ހޯދުމަށް އެކައުންޓް ދީ" ފަދަ އިބާރާތްތަކުން ޖަހާ އިޝްތިހާރުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.
ފުލުހުން އިތުރަށް ބަޔާންކޮށްފައިވަނީ، ބޭންކު އެކައުންޓަކީ އަމިއްލަ މުދަލަކަށްވީ ހިނދު، އެކައުންޓުގެ މަޢުލޫމާތާއި، ޕިން ނަންބަރު އަދި އޯޓީޕީ (OTP) ފަދަ ސިއްރު މަޢުލޫމާތު އެހެން އެއްވެސް ފަރާތަކާ ހިއްސާކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.
ބޭންކު ކާޑާއި އެކައުންޓު ކުއްޔަށް ދިނުމަކީ މަނީ ލޯންޑަރިންގް ފަދަ ބޮޑެތި ޖިނާއީ ކުށްތަކުގައި ބައިވެރިވުން ކަމަށް ބެލެވި، އޭގެ ސަބަބުން ބޭންކިންގް ޚިދުމަތްތައް މެދުކެނޑި، ގާނޫނީ ބޮޑެތި އަދަބުތަކާ ކުރިމަތިލާން ޖެހިދާނެއެވެ.
މީގެ އިތުރުން، އެކައުންޓެއް މެދުވެރިކޮށް ހިންގާ ކޮންމެ މުޢާމަލާތެއްގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އެ އެކައުންޓެއްގެ ވެރިފަރާތުން ކަމަށްވެސް ފުލުހުން ހަނދާންކޮށްދެއެވެ. އެހެންކަމުން، ބޭންކު އެކައުންޓު ކުއްޔަށް ދޭ ފަރާތްތަކާއި ކުއްޔަށް ހިފާ ފަރާތްތަކާމެދު، މާލީ އިދާރާތަކާ ގުޅިގެން ހަރުކަށި ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.



