އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާ މަރުކަޒު ބަދަލުކުރަން ބޭނުންވާ މެންބަރުންނަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އާންމުކޮށްފައިވާ ވޯޓާސް ލިސްޓުގައިވާ ތަން ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މެންބަރުންނަށް، މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް ރީ-ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.
ރީ-ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށްދާނީ އޮންލައިން ފޯމު މެދުވެރިކޮށެވެ. އެގޮތުން، މި މަހުގެ 22 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، އެކަމަށް ހާއްސަކޮށްފައިވާ ގޫގުލް ފޯމު ފުރުއްވުމަށް އެ ޕާޓީން ވަނީ އެދިފައެވެ.
އެމްޑީޕީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި އިންތިހާބުގެ ވޯޓާސް ލިސްޓުގައި މިހާރު ވޯޓުލާ ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި މެންބަރުން ވޯޓުލީ މަރުކަޒުތަކެވެ.
ޗެއާޕާސަން ހޮވުމަށް ބާއްވާ މި އިންތިހާބު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހަށެވެ.



