ހުޅުމާލެ ފޭސް 2 އިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންގެ އިދާރާއިން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ މާލެ، މ. ހަނީމޫން (ފްލެޓް ނަންބަރު 2-3-05)، އުމުރުން 15 އަހަރުގެ ޢާއިޝަތު އަލްޔާ ޢަލީ އެވެ.
ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ކުއްޖާ މިހާރު ދިރިއުޅެނީ ހުޅުމާލެ ހިޔާ ޓަވަރު 16 ގައެވެ.
އަލްޔާ ގެއިން ނުކުމެގެން ގޮސްފައިވަނީ އިއްޔެ ހަވީރު 16:15 އެހާކަންހާއިރު ކަމަށާއި، ކުއްޖާގެ އެއްވެސް ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
މި ރިޕޯޓް ލިބުމާއެކު، ފުލުހުންގެ ކަމާގުޅޭ އެކި ބަހާތަކަށް އެ މަޢުލޫމާތު ހިއްސާކޮށް، ކުއްޖާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ އަދި ފެނިފައެއް ނުވެއެވެ.
ވީމާ، ޢާއިޝަތު އަލްޔާ ޢަލީއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅުއްވައި އެ މަޢުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.




