ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އޯޕެކްގެ މެންބަރުކަމުން ރަސްމީކޮށް ވަކިވެއްޖެކަން އިޢުލާނުކޮށްފިއެވެ.
އެ ގައުމުން ހާމަކުރި ގޮތުގައި މި ނިންމުން ނިންމާފައިވަނީ ގައުމީ މަސްލަހަތަށް އިސްކަންދިނުމުގެ ގޮތުންނެވެ.
ހޯމަ ދުވަހު ޔޫއޭއީގެ އެނާޖީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ނިންމުމުގެ ސަބަބުން ގައުމުގެ އިސްތިގުލާލު ދަމަހައްޓައި، ގައުމީ އިސްތިރާޖީ އަމާޒުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތެޔޮ އުފެއްދުމުގެ ސިޔާސަތުތައް އަމިއްލައަށް ކަނޑައެޅުމުގެ ފުރިހަމަ ބާރު ލިބިގެންދާނެ ކަމަށެވެ.
އަދި ދުނިޔޭގެ ބާޒާރުގެ މިހާރުގެ ހާލަތަށް ބަލާއިރު، އޯޕެކްގެ މެންބަރެއްގެ ގޮތުގައި ދެމިއޮތުމަކީ އެ ގައުމުގެ އިގްތިސާދީ މަގްސަދުތަކަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޔޫއޭއީ އިން މި ނިންމުން ނިންމާފައިވަނީ އީރާނުގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ ސަޕްލައިއަށް ބުރޫއަރައި، ތެލުގެ އަގު ފީފާއަކަށް 110 ޑޮލަރަށްވުރެ މަތީގައި ހުރި ދަނޑިވަޅެއްގައެވެ.
ތެޔޮ އުފައްދާ ބޮޑު ގައުމެއްގެ ގޮތުގައި ހިމެނޭ ޔޫއޭއީ އިން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އަބަދުވެސް ވަކާލާތު ކުރަމުންދާއިރު، މިއީ އޯޕެކްގެ ކޯޓާ ނިޒާމާ ތަކުރާރުކޮށް ހިޔާލުތަފާތުވުންތައް އުފެދޭ ކަމެކެވެ.
އިގްތިސާދީ މާހިރުން މި ނިންމުން ސިފަކުރަނީ އޯޕެކްގެ އެއްބައިވަންތަކަމަށް އެރި ބޮޑު ބުރޫއެއްގެ ގޮތުގައެވެ. މިކަމާ ގުޅިގެން އޯޕެކްގެ ފަރާތުން އަދި އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.



