އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކެމްޕެއިންގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހީމް ވަހީދު (އިބުރޭ) ބައިވެރިވެވަޑައިގަންނަވާތީ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ވާދަވެރި ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު އެދިވަޑައިގެންފި އެވެ.
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާއަށް ފޮނުއްވި ސިޓީއެއްގައި މީކާއިލް ވަނީ މިކަމަށް އިލްތިމާސް ކުރައްވާފައެވެ.
މީކާއިލްގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އޭނާއާ ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭންގައި އިބުރޭ އަމަލީ ގޮތުން މަސައްކަތް ކުރައްވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި، މީޑިއާތަކުން ފެންނަ މަންޒަރުތަކުން އެކަން ސާފުވާ ކަމަށެވެ.
ޕާޓީގެ އިންތިޚާބީ ކަންކަމާއި މެންބަރޝިޕް ބަލަހައްޓަވާ ޗެއަރޕާސަންގެ ނައިބު (އިދާރީ) ގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ވަކި ފަރާތަކަށް ނުޖެހޭ، އަމާނާތްތެރި ބޭފުޅަކަށް ވާންޖެހޭނެ ކަމަށް މީކާއިލް ބަޔާންކުރެއްވިއެވެ. އިބުރޭ ވަކި ކެންޑިޑޭޓެއްގެ ކެމްޕޭނުގައި ބައިވެރިވުމަކީ އިންތިޚާބުގެ އިންސާފުވެރިކަން ގެއްލި، އެހެން ކެންޑިޑޭޓުންނަށް ނުހައްގު ނުފޫޒެއް ފޯރުވުމަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީކާއިލްގެ ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ، ޕާޓީގެ އިސް މަގާމެއްގައި ހުންނަވައިގެން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމަކީ އާންމު މެންބަރުންނާއި އެހެން ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަން އަންނަ، ބޭއިންސާފު އަމަލެއް ކަމަށެވެ.
އިންތިޚާބަށް ކުރިމަތިލެއްވީ މެންބަރުންގެ އިތުބާރު އަލުން ހޯދައިދިނުމަށް ކަމަށް ވިދާޅުވެ، ކެމްޕޭން ކުރިއަށްދާ މުއްދަތުގައި އިބްރާހީމް ވަހީދު މަގާމުގެ ޒިންމާތަކުން އެކަހެރިވުމަށް މީކާއިލް ވަނީ ގޮވާލައްވާފައެވެ.
މި މައްސަލަ ބައްލަވައި، ޕާޓީގެ ގަވާއިދުތަކާ އެއްގޮތަށް އަވަސް ފިޔަވަޅެއް އަޅުއްވައިދެއްވުމަށް ޗެއަރޕާސަންގެ ކިބައިން މީކާއިލް ވަނީ އެދިވަޑައިގެންފައެވެ.




