މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ދެމުން ބުނެފައިވަނީ، ހުޅުދޫގައި ވެލާ ފެޅި ކަމުގެ ޝަކުވާ ލިބިފައިވަނީ 11 އޭޕްރީލް 2026 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:18 ހާއިރު ކަމަށެވެ. މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުންނެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު، ކުށްވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ތަހުގީގު ރިޕޯޓު މިހާރު ވަނީ އީއާރްއޭ އާ ހަވާލުކޮށްފައެވެ. ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ވެލާ ކަހަނބަކީ ހިމާޔަތްކޮށްފައިވާ ދިރުންތަކަކަށް ވާތީ، މިފަދަ ކަންކަން ކުރާ މީހުންނަށް ބޮޑެތި ޖޫރިމަނާތަކެއް ކުރެއެވެ.
ބ. އަތޮޅަކީ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ހަމަޖައްސާފައިވާ ސަރަހައްދަކަށް ވާތީ، އެތަނުގެ ތިމާވެއްޓަށް ގެއްލުންދޭ މައްސަލަތައް ކަމާބެހޭ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަންދީގެން ބަލައެވެ. މިގޮތުން 2023 ވަނަ އަހަރު ކެންދޫގެ ހަތް މީހަކު ކެޔޮދޫގައި ވެލާ ފެޅި މައްސަލައެއްގައި ކޮންމެ މީހަކު 198,000 ރުފިޔާއިން ޖޫރިމަނާ ކުރިއެވެ. ނަމަވެސް، އެ އަދަދު ބޮޑުވެގެން އެ މީހުން ޝަކުވާ ކުރުމުން، ފަހުން ވަނީ ކޮންމެ މީހެއްގެ ޖޫރިމަނާ 33,000 ރުފިޔާއަށް ކުޑަކޮށްދީފައެވެ




