އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކު މިހާރު ވަނީ ދޫކޮށްލާފައެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ގާނޫނު ތަންފީޒުކުރަން ތިބި މުވައްޒަފުންގެ މަސައްކަތަށް ހުރަސްއެޅުމާއި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ މީހަކާއި 49 އަހަރުގެ މީހެކެވެ. އެއީ އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ނައިބު ރައީސް މައިމޫންގެ އިތުރުން ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު (ވާވާ) އެވެ. މީގެ ތެރެއިން މިނިވަންކޮށްފައިވަނީ އަބްދުﷲ ރަޝީދެވެ.
ސަރުކާރަށް 12 ކަމެއް ހުށަހަޅައި، އެ ކަންކަން އިސްލާހުކުރުމަށް ގޮވާލައި އެމްޑީޕީން ސިލްސިލާ މުޒާހަރާތައް ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގައެވެ. މި އެއްވުންތައް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާއިރު، ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީއެންއެފް އިން ވެސް ދަނީ މަގުމަތީ ހަރަކާތްތައް ބާއްވަމުންނެވެ. އަދި ރޭ ބޭއްވި އިހުތިޖާޖުގައި ޕީއެންއެފްގެ މެންބަރުން ވަނީ އެމްޑީޕީއާ ގުޅިގެން އަޑުއުފުލާފައެވެ.




