މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާޢްޖޭގެ ހުރިހާ ސިޓީއެއްގެ މޭޔަރުކަން އެމްޑީޕީ އިން ވާދަކުރި ކެނޑިޑޭޓުން ކާމިޔާބުކޮށްފި އެވެ.
މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ރާއްޖޭގެ ފަސް ސިޓީއެއްގެ މޭޔަރުކަން އެމްޑީޕީން ވަނީ ދެވަނަ ދައުރަކަށް ކާމިޔާބުކޮށްފައެވެ.
އެގޮތުން މާލެ، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ މޭޔަރުކަމުގެ ގޮނޑި އެ ޕާޓީން ވަނީ ކަށަވަރުކޮށްފައެވެ.
ތިނަދޫ ސިޓީ ފިޔަވައި އެހެން ހުރިހާ ސިޓީއެއްގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ. ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި މިހާރުގެ މޭޔަރު ސައުދު އަލީ އާއި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަޖީބުގެ ވޯޓުގެ ފަރަގު ވަރަށް ކުޑައެވެ. މި ދެ ބޭފުޅުންގެ ދެމެދުގައި އުޅެނީ ގާތްގަނޑަކަށް ފަންސާހަކަށް ވޯޓުގެ ތަފާތެވެ.
މޭޔަރުންގެ ގޮނޑިތަކުގެ އިތުރުން، މި ސިޓީތަކުގެ ކައުންސިލްތަކުގެ އަޣުލަބިއްޔަތު ވެސް ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ. މިއާއެކު، މި ފަސް ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް މިވަނީ ކަށަވަރުވެފައެވެ.





