މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ މެދު ނެގި ފެންނަ ނުފެންނަ ވޯޓުގެ ފޮށިތައް ބަންދުކޮށް، ނަތީޖާ ގުނަން ފަށައިފިއެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، އިންތިހާބުތައް އެއްކޮށްލުމާ މެދު ގިނަ ބަޔަކު ތާއީދު ނުކުރާކަން ފާހަގަކުރެވެއެވެ.
ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާ:
-
އެއްކުރަން ނުފެންނަ ކަމަށް: %67
-
އެއްކުރަން ފެންނަ ކަމަށް: %33
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ވޯޓު ގުނުމުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީގެ ވޯޓު ކަރުދާސްތަކެވެ. ފެންނަ ނުފެންނަ ވޯޓުގެ ކަރުދާސްތައް ގުނަން ފަށާނީ އޭގެ ފަހުންނެވެ. ނަމަވެސް، ކައުންސިލް ވޯޓު ގުނައި ނިމުނު ބައެއް ފޮށިތަކުގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ މިހާރު ދަނީ ލިބެމުންނެވެ.
ވޯޓުލުމުގެ އެންމެ ފަހުގެ ތަފްސީލު
މިއަދު ހަވީރު 5:00 އާ ހަމައަށް ވޯޓުލާ ކިއުތައް ބަންދުކުރިއިރު، ޖުމްލަ 588 ފޮށީގެ ތެރެއިން ބަންދުކުރެވުނީ 512 ފޮށްޓެވެ. ބާކީ ހުރި 76 ފޮއްޓެއްގައި ކިއު ދިގުވުމުގެ ސަބަބުން އިރުއޮއްގަދަވި އިރުވެސް ވޯޓުލުން ކުރިއަށްދިޔަކަން އީސީން ފާހަގަކުރެއެވެ.
ދެ ދުވަހަށް ސަރުކާރު ބަންދުކޮށްފި
އިންތިހާބުގެ މަސައްކަތްތަކާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މާދަމާ (އާދިއްތަ) އަދި ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމުގައި ހަމަޖައްސަވާފައެވެ.
މި އިންތިހާބަކީ ރާއްޖޭގެ އިދާރީ އޮނިގަނޑަށާއި އިންތިހާބީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ފަދަ މުހިންމު ވޯޓަކަށް ވުމުން، އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.





