ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މާލޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ކުރިމަތީގައެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު، ފުލުހުންގެ އަޒުމް ކިޔުމާއި ދުވަހާ ގުޅިގެން ހާއްސަ ދުޢާއެއް ކޮށްފައިވެއެވެ. މި ރަސްމިއްޔާތުގައި ދިވެހި ދައުލަތަށް 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ޢަބްދުއްޝުކޫރު ޢަބްދުﷲ އާއި ދިވެހި ދައުލަތަށް 35 އަހަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ކައުންސެލް ޖެނެރަލް އަލްއުސްތާޛު ޙަސަން ޙަމީދުގެ ތަޢުޒިޔާގެ ދަފުތަރުގައި ސޮއިކުރެއްވުން ކުރިއަށް ގެންގޮސްފައިވެއެވެ.
މި ދަފުތަރުގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހަދު ފިކުރީއާއި ފުލުހުންގެ ކޮމިޝަންޑު އޮފިސަރުން ސޮއިކުރެއްވިއެވެ.





