ބެލާރުސްގެ ގައުމީ އެއާލައިން "ބެލާވިއާ" އިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަން އެ އެއާލައިނުން ހާމަކޮށްފިއެވެ. މިއީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ލިބޭ އައު ކުރިއެރުމެކެވެ.
ބެލާވިއާ އެއާލައިނުން މައުލޫމާތު ދޭ ގޮތުގައި، ރާއްޖެއަށް ކުރާ ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގައެވެ. ނަމަވެސް، ދާއިމީ ތާވަލެއް އެކުލަވާލުމުގެ ކުރިން މާކެޓްގެ ޑިމާންޑާއި އޮޕަރޭޝަނަލް ކަންކަން ދެނެގަތުމަށްޓަކައި 6 އަކާއި 8 އަކާ ދެމެދުގެ އަދަދަކަށް ޓްރަޔަލް (ޕައިލަޓް) ފްލައިޓްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
"ރާއްޖެއަކީ ދިގު ދަތުރުތަކަށް އުންމީދީ މަންޒިލެއް،" އެއާލައިންގެ މެނޭޖްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މި ނިންމުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެއާލައިންތަކުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް "ވިޒިޓް މޯލްޑިވްސް" އިން ފާހަގަކުރެއެވެ. ބައިނަލްއަގުވާމީ އެހެން އެއާލައިންތަކުންވެސް ދަނީ މި ދަނޑިވަޅުގައި ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަމުންނެވެ.
އެހެން އެއާލައިންތަކުގެ ބަދަލުތައް:
-
ބްރިޓިޝް އެއާވޭސް: ހަފްތާއަކު ކުރާ ދަތުރުތައް 3 އިން 4 އަށް އިތުރުކޮށްފައިވާއިރު، ޑިމާންޑަށް ބަލައި 6 އަށް އިތުރުކުރުމުގެ ފުރުސަތު އެބައޮތެވެ.
-
އޭރޯފްލޮޓް: މޮސްކޯ އާއި މާލެއާ ދެމެދު ކުރާ ދަތުރުތައް ވަނީ އިތުރުކޮށްފައެވެ.
-
އެޑަލްވައިސް: އޭޕްރީލް މަހު އެކަނިވެސް 20 ދަތުރު ރާއްޖެއަށް ކުރުމަށް ވަނީ ތާވަލުކޮށްފައެވެ.
-
ކޮންޑޯ: ޖަރުމަނުގެ ފްރެންކްފާާޓުން މާލެއަށް ހަފްތާއަކު 4 ދަތުރު މެއި މަހުން ފެށިގެން އޮކްޓޫބަރުގެ ނިޔަލަށް ކުރުމަށް ވަނީ ނިންމާފައެވެ.
ރާއްޖޭގެ ޕްރައިވެޓް އޭވިއޭޝަން އިންފްރާސްޓްރަކްޗަރ ވަރުގަދަވުމާއި، ދުނިޔޭގެ ކޮންމެ ސަރަހައްދަކުންވެސް ފަސޭހައިން އާދެވޭ މަންޒިލަކަށް ވުމަކީ، ބައިނަލްއަގުވާމީ އެއާލައިންތަކުން ރާއްޖެއަށް އޮންނަ ޝައުގުވެރިކަން ދެމެހެއްޓުމުގެ މައިގަނޑު ސަބަބު ކަމަށް ސިނާއަތުގެ މާހިރުން ދެކެވަޑައިގަންނަވައެވެ.




