ހަނގުރާމަ ދިގުދެމިގެން ދިއުމުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ވިސްނުން ހުރީ ރައްޔިތުންނަށް އެކަމުގެ ސަބަބުން އިތުރު ބުރައާއި ތަކުލީފު ނާންނާނެގޮތަށް ކަމުގައި މިނިސްޓަރުންގެ ހާއްސަ ކޮމިޓީގެ ޗެއަރ އަދި ފޮރިން މިނިސްޓަރު، ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ދެއްވުމަށް މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު ދެއްކެވި ވާހަކަފުޅުގައި، ހަނގުރާމަ ދިގުލައިގެން ދިޔަކަމުގައިވިޔަސް ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި ރައްޔިތުންނަށް ބޭނުންވާނެ ކަންކަމަށް ބުރޫނާރާނެ ގޮތަށް ޤައުމުގެ ކަންކަން ރޭވުމަށް ރައީސް އިރުޝާދު ދެއްވާފައިވާކަމުގައި ވިދާޅުވިއެވެ.
އޭގެ ތެރޭގައި ބޭހާއި ކާޑާއި ތެލާއި އަދި ރާއްޖެއިން ބޭރުގައި ކިޔަވަންތިބި ކުދިންނަށް އަޅުގަނޑުމެން ފޮނުވަންޖެހޭ ސްޓައިޕެންޑާއި ކޯސް ފީތައް ފޮނުވުމުގެ ކަންތައް ހަމައަކަށް އެޅުވުމާއި ޚަރަދު ކުޑަކުރުމަށް މަރުކަޒީ ބޭންކާއި މީރާގެ އިތުރުން މާލީ ވުޒާރާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން ސަރުކާރުގެ ކޭޝްފްލޯ ބެލެހެއްޓުމުގައި އަޅުއްވަމުންގެންދަވާ ބައެއް ފިޔަވަޅުތައްވެސް މިއަދުގެ ބައްދަލުވުމުގައި ހިއްސާކުރެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، މި ހަނގުރާމައާއި ގުޅިގެން ޚަރަދު ކުޑަކުރުމަށް އެކި ޤައުމުތަކުން އެކިއެކި ފިޔަވަޅުތައް އަޅަމުންދާ ހަބަރުތައް ލިބުނު ނަމަވެސް އެ ޤައުމުތަކުން އަޅަމުންގެންދާ ފިޔަވަޅުތަކަކީ ކޮންމެ ގައުމެއްގެވެސް ހާލަތަށް ރިއާޔަތްކުރެވޭ ފިޔަވަޅުތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
އަދި ދިވެހިރާއްޖެއިން ސީދާ ފިޔަވަޅުތަކެއްގެ ގޮތުގައި ކަންތައްތަކެއް، އިޢުލާނެއްގެ ސިފައިގައި އާންމު ނުކުރާ ސަބަބު ބަޔާންކުރެއްވިއެވެ. އެގޮތުން މިފަދަ ގޮތަކަށް ސީދާ ފިޔަވަޅުތަކެއް އިޢުލާނުކޮށްފިނަމަ އަންނާނެ އިތުރު ނޭދެވޭ އަސަރުތަކަށް ވިސްނަވައި ރައީސްގެ އިރުޝާދާއި އެއްގޮތަށް މިވަގުތައް ނިންމާފައިވަނީ ޚަރަދު ކުޑަކޮށްގެން މިހާރު ލިބޭ ކޭޝްފްލޯ ބަލަހައްޓައިގެން މަސައްކަތް ކުރުން ކަމުގައި މިނިސްޓަރު ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ކޮންމެ އާދިއްތަ ދުވަހެއްގެ ހަވީރު 4:00 ގައި ވަޒީރުންގެ ހާއްސަ ކޮމިޓީއިން ދޭނެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލެއްވީ 28 ފެބުރުވަރީ 2026 ގައެވެ.
މިއީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ހައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަގްސަދުގައި، 9 ވަޒީރުންގެ މައްޗަށް އެކުލަވާލެއްވި ކޮމިޓީއެކެވެ.




