އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގުޅިފައިވާ އަސްކަރީ މަރުކަޒަށް އަމާޒުކޮށް އިރާނުން މެދު ރާސްތާގެ ދެ ބެލިސްޓިކް މިސައިލް ފޮނުވާލި ނަމަވެސް، އެއިން އެއްވެސް މިސައިލެއް އަމާޒަށް ވާސިލްވެފައެއް ނުވެއެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެއް މިސައިލް ދަތުރުމަތީގައި ފެއިލްވިއިރު، އަނެއް މިސައިލް ހުއްޓުވުމަށް އެމެރިކާގެ މަނަވަރަކުން އެސް.އެމް-3 މަރުކާގެ އިންޓަސެޕްޓަރެއް ފޮނުވާލާފައިވެއެވެ.
ނަމަވެސް އެ މިސައިލް ކާމިޔާބުކަމާއެކު ހުއްޓުވުނުކަން އަދި ކަށަވަރު ކުރެވިފައި ނުވާކަމަށް އެމެރިކާގެ އޮފިޝަލަކު ބުނެފައިވެއެވެ.ސީ.އެން.އެން އިން ވެސް ވަނީ ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދިންކަން ކަށަވަރުކޮށްދީފައެވެ. އެ ނޫހުން ސިފަކޮށްފައިވާ ގޮތުގައި ޑިއޭގޯ ގާސިއާއަކީ އެމެރިކާގެ އަސްކަރިއްޔާގެ ބަރު ބޮންއަޅާ ބޯޓުފަހަރާއި ދުރު ރާސްތާގެ އަސްކަރީ އޮޕަރޭޝަންތަކަށް ބޭނުންކުރާ ވަރަށް މުހިންމު މަރުކަޒެކެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން ފާހަގަކުރި ގޮތުގައި، މި ހަމަލާއަކީ މެދުއިރުމަތީގެ ސަރަހައްދުން ބޭރުގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް ނުރައްކާ ކުރުމަށް އިރާނުން ކުރި ވަރުގަދަ މަސައްކަތެކެވެ.
އިރާނާ ގާތްގަނޑަކަށް 4,000 ކިލޯމީޓަރު ދުރުގައި އޮންނަ ޑިއޭގޯ ގާސިއާއަށް ހަމަލާދިނުމުން ދޭހަވަނީ، އިރާނުގެ މިސައިލްތަކުގެ ރާސްތާ މީގެ ކުރިން އެ ގައުމުން ހާމަކޮށްފައިވާ މިންވަރަށްވުރެ މާ ދުރަށް ފޯރާކަމެވެ.
އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ މިދިޔަ މަހު ވިދާޅުވެފައިވަނީ، އިރާނުން ގަސްދުގައި އެ ގައުމުގެ މިސައިލްތަކުގެ ރާސްތާ 2,000 ކިލޯމީޓަރަށް ލިމިޓްކޮށްފައިވާ ކަމަށެވެ.
ޑިއޭގޯ ގާސިއާއަކީ ޗާގޯސް ޖަޒީރާތަކުގެ އެންމެ ބޮޑު ރަށެވެ. އަދި އެއީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ ވަސީލަތްތައް ގާއިމުކޮށްފައިވާ މުހިންމު ސަރަހައްދެކެވެ.




