ރޯދަމަހުގެ ފަހު 10 ގައި އުމްރާގެ އަޅުކަމަށް ގެންދިއުމަށް މީހުންގެ އަތުން ފައިސާ ނަގައި އެންމެ ފަހު ވަގުތު ދަތުރު ކެންސަލްކުރި އަބްރާރު ގްރޫޕުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ރޯދަ މަހު ޢުމްރާއަށް މީހުން ގެންދިއުމަށް ގްރޫޕަކުން ފައިސާ ނެގުމަށް ފަހު، ދަތުރު ކެންސަލްކޮށްފައިވާކަމުގެ މައްސަލައެއް މިމަހުގެ 4 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އެ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ އަބްރާރް ގުރޫޕުގެ ހަވާލުގައި ޢުމްރާއަށް ފުރުމަށް ހަމަޖެއްސި 110 މީހުންގެ ދަތުރު ކެންސަލްކުރީ މަޤުބޫލު ސަބަބެއް ނެތިކަން މިހާތަނަށް ބެލިބެލުމުން ހާމަވާކަމަށެވެ. މި މައްސަލައާއި ގުޅިގެން އެ ގުުރޫޕަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ސަސްޕެންޑްކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެެވެ.
ޢުމްރާގެ އަޅުކަމަށް ދިއުމަށް އެ ގްރޫޕުން މީހެއްގެ އަތުން 45،000ރ. ނަގާފައިވާކަމަށް ފުލުހުން ބުނެއެެވެ. ފުލުހުން ބުނީ ފުރަން އޮތް ދުވަހުގެ މެންދުރެއްހާއިރު އެ ގްރޫޕުން ދަތުރުވެރިންނަށް އަންގާފައި ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް ވާނެ ގޮތެއް ނޭނގޭތީ ފުރުން ކެންސަލްވި ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ޢުމްރާއަށް ނުފުރި ތިބި 164 މީހުން ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަން އެއާލައިންގެ މަތިންދާބޯޓެއް ޗާޓަރު ކޮށްގެން އާދިއްތަ ދުވަހުގެ ރޭ ފުރުވާލައިފައެވެ. އެ މީހުން މައްކާގައި ތިބުމުގެ އިންތިޒާމުތައްވެސް ހަމަޖައްސަމުންދާކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އަބްރާރް ގުރޫޕުން އަމަލުކުރި ގޮތާ ގުޅޭ މައްސަލަ އިތުރަށް ބަލައި، އުސޫލުގެ ތެރެއިން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެ ކުންފުންޏާ ދެކޮޅަށް އަޅާނެ ކަމަށެވެ.




