އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހާއްސަކޮށްގެން ހިންގާ ސްކީމްގެ ދަށުން ހުޅުމާލޭގައި 1،000 ފްލެޓު އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ތަރައްޤީކުރާ 1000 ހައުސިންގ ޔުނިޓްގެ މި މަޝްރޫޢު ކުރިއަށް ގެންދާނީ "އެފޯޑަބަލް ހޯމް އޯނަޝިޕް" މޮޑެލްއަށެވެ. މިއީ ބޯހިޔާވަހިކަމުގެ މިންގަނޑުތަކުގެ ތެރެއިން، އެންމެ އަސާސީ މިންގަނޑަށްވުރެ މަތިން ކުރިއަށްގެންދާ ކެޓަގަރީއެކެވެ.
ސަރުކާރުން މަސައްކަތްކުރަނީ ހުރިހާ ފަންތިއަކަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިކޮށްދިނުމަށެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހުޅުވާލާފަވަނީ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އެ މިނިސްޓްރީން ބުނީ ދިވެހި ކުންފުނިތަކަށް މި ފުރުޞަތު ހުޅުވާލުމުގެ ބޭނުމަކީ ތަރައްޤީގެ މަސައްކަތްތަކުގައި ދިވެހި ކުންފުނިތަކަށް ޙިއްސާ އިތުރުކޮށް، ކުރިއެރުމަށް ފުރުޞަތު ހޯދައިދިނުންކަމަށެވެ.
މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާފަވަނީ މާރިޗު މަހުގެ 23 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ.




