ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭއްވި ޑައިމަންޑް ޖުބުލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް މުބާރާތުގެ ފައިނަލް މެޗުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލިކޮށް، ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) މާލެ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ސީއެޗްއެސްއީ އިން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި 1-4 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
މި މެޗުގައި ޖެހި ހުރިހާ ލަނޑަކީ ވެސް މެޗުގެ ދެވަނަ ހާފުގައި ޖަހާފައިވާ ލަނޑުތަކެކެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ސީއެޗްއެސްއީ އިންނެވެ. ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު މިކްޔަލްއެވެ. ނަމަވެސް، 65 ވަނަ މިނެޓުގައި އަޙްމަދިއްޔާގެ އަލީ އަލާން ޕެނަލްޓީއަކުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ.
އަޙްމަދިއްޔާއިން ނަތީޖާ ހަމަހަމަކުރިތާ ތިން މިނެޓު ފަހުން، އިސްމާއިލް ޝާމިލް ވަނީ ސީއެޗްއެސްއީއަށް އަލުން ލީޑު ހޯދައިދީފައެވެ. އޭގެ ފަހުން 71 ވަނަ މިނެޓުގައި މުޙައްމަދު ސާއިމް އިބްރާހީމް ފާއިޒް ވަނީ ސީއެޗްއެސްއީގެ ތިންވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ. އެ ޓީމުގެ ފަހު ލަނޑު 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި މިކްޔަލްއެވެ.
މުބާރާތުގެ ވަނަތަކަށް ބަލާއިރު، ޗެމްޕިއަންކަން ހޯދި ސީއެޗްއެސްއީ މާލެއަށް ވަނީ ފެއާ ޕްލޭ ޓީމުގެ މަގާމު ވެސް ލިބިފައެވެ. މުބާރާތުގެ ޓޮޕް ސްކޯރަރގެ މަގާމު ސީއެޗްއެސްސީ މާލޭގެ އަޙްމަދު މިކްޔަލް ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސީއެޗްއެސްއީ މާލޭގެ ނާޝިއު އަޙްމަދެވެ.
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމަށާއި، އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ޓޮޕް ސްކޯރަރ އަށް އިނާމު ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓާރ އިސްމާޢީލް ޝަފީއު އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




