މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓާއި ގޯތީގެ މަސައްކަތްތައް މި ދައުރުގައި ނިންމައި، ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމަށް ކުރިމަތިލާން މިއަދު ހުޅުވާލުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ މީގެކުރިން އެއްވެސް ސަރުކާރަކަށް އެ ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ނިންމައި، އެ ސަރުކާރެއްގައި ހަވާލުކުރެވިފައި ނުުވާ ކަމަށެވެ. އެކަމަކު މި ސަރުކާރުން އެކަން ބަދަލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ސްކީމުގެ ދަށުން 15،000 ގޯތި އަދި 7،900 ފްލެޓަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. މިނިސްޓަރު ވަނީ މި މަޝްރޫޢުތައް ނިންމާ، މި ދައުރުގެ ތެރޭގައި ޙަވާލުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ވަޒީރު ވިދާޅުވީ މިހާރު އިޢުލާނުކޮށްފައިވާ ގޯއްޗާއި ފްލެޓުތަކުގެ މަޝްރޫޢުއަކީ، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ މަޝްރޫޢުތަކެއް ކަމަށެވެ.
"މި ދަޢުރުގައި ރަޖިސްޓްރީ ހަދާ، އިން ވަކިކޮށް ގޯތި ޙަވާލު ކުރާނަން. 7،900 ފްލެޓަކީވެސް ފައިނޭންސް ޔަޤީންވެފައިވާ މަސައްކަތެއް. 2008ގެ ފަހުން، އެއްވެސް ސަރުކާރެއްގައި އެ ސަރުކާރަކުން ފެށި ޕްރޮޖެކްތަކެއް ނިންމާ ފްލެޓަށް މީހުން ވެއްދިފައެއް ނެތް. މި ސަރުކާރުން އެކަން ބަދަލު ކުރާނަން. ޢަމާޒަކީ އެ ތަންތާގައި ދިރިއުޅެވޭވަރު ކުރުން." މިނިސްޓަރު ވިދާޅުވިއެވެ.
މި ސަރުކާރުގެ ވަޢުދަކީ، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ އެއްވެސް ރައްޔިތަކު ނުހުންނާނެކަން ކަށަވަރު ކުރުމެވެ. އެކަމަށް މަގުފަހިކުރުމަށް ސަރުކާރުން ބޮޑެތި މަޝްރޫޢުތައް ފަށާފަވަނީ އާބާދީ އެންމެ ބޮޑު މާލެ ސަރަޙައްދުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


