ބަންގްލަދޭޝްގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އާވާމީ ލީގުން އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ސަރުކާރުން މަނާކުރުމާއި އަދި އެ ޕާޓީގެ ލީޑަރު، ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ މައްޗަށް ދައުވާކުރުމާ ގުޅިގެން އެކަމާއި ދެކޮޅަށް މުޅި ބަނގްލަދޭޝްގައި ބޮޑު ހަޅުތާލެއް ފަށައި ގައުމު ހުއްޓުމަކަށް ގެނެސްފިއެވެ. މި ހަޅުތާލުގެ ސަބަބުން ޤައުމުގެ މުހިންމު ހަރަކާތްތައް ހުއްޓި، ވެރިރަށް ޑާކާގެ މަގުތައް ވަނީ ފުރިފައެވެ.
ޙަސީނާގެ މައްޗަށް ދައުވާކުރުމަށް ބޭނުންކޮށްފައިވަނީ 1971 ވަނަ އަހަރުގެ ހަނގުރާމައިގެ ކުށްތަކުގެ މައްސަލަތައް ބެލުމަށް އުފެއްދި އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލްއެވެ. އާވާމީ ލީގުން ބުނާ ގޮތުގައި ޙަސީނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ހަޤީޤަތެއް ނެތް، ސިޔާސީ ބޭނުމަކަށް އުފައްދާފައިވާ ދައުވާތަކެކެވެ. މި ހަޅުތާލަށް ރައްޔިތުންގެ ބޮޑު ތާއީދެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. ވިޔަފާރިތައް ބަންދުކޮށް، ސްކޫލްތަކާއި ޔުނިވަރސިޓީތަކުގެ ކިޔަވުން ވަނީ މެދުކަނޑާލާފައެވެ.
މި ހަޅުތާލުގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމުގެ ރިޕޯޓުތައް ވަނީ ލިބިފައިވެއެވެ. ޔޫނުސްއާ ގުޅުންހުރި ކަމަށް ބުނާ ހަރުކަށި ގްރޫޕްތަކުން އާވާމީ ލީގުގެ އެކްޓިވިސްޓުންނަށް ހަމަލާދީ، ޕާޓީގެ އޮފީސްތަކަށް ގެއްލުންދީފައިވާ ކަމަށްވެސްވެއެވެ. މީގެ އިތުރުން، މިނިވަންކަމުގެ ހަނގުރާމައިގެ ތާރީޚާ ބެހޭ ފޮތްތައް ހިފައިގެން އުޅުނު ދަރިވަރުންތަކެއް ފުލުހުން ހައްޔަރުކޮށްފައިވާ ކަމުގެ ޚަބަރުތަކެއް ވެސް ވަނީ ފެތުރިފައެވެ.
ޓްރައިބިއުނަލް އިން ޙަސީނާއާ ދެކޮޅަށް މާދަމާ ހުކުމް އިއްވާނެ ކަމަށް ބެލެވޭއިރު، މި ނިންމުމަކީ ނުފޫޒު ފޯރުވައިގެން ނިންމި ނިންމުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. ބަންގްލަދޭޝްގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަންގްލަދޭޝްގެ ގިނަ ރައްޔިތުން މިހާރު ޔޫނުސްގެ ވެރިކަމަށް އިތުބާރު ނުކުރެއެވެ. ޤައުމުގެ އިޤްތިޞާދީ ހާލަތު ދަށްވަމުންދާ މި ދަނޑިވަޅުގައި، ޔޫނުސްގެ ވެރިކަމަކީ ގާނޫނީ ހައިސިއްޔަތެއް ނެތް ޢައިރު ޤާނޫނީ ވެރިކަމެއްގެ ގޮތުގައި އެފަރާތްތަކުން ސިފަ ކުރެއެވެ
އާވާމީ ލީގުން ވަނީ ހަޅުތާލު އިތުރަށް ހަރުކަށިކޮށް، އިތުރު މުޒާހަރާތަކެއް ބާއްވައި ހޯމަ ދުވަހު މުޅި ޤައުމު ބަންދުކުރުމަށް ގޮވާލާފައެވެ. އެ ޕާޓީން ބުނެފައިވަނީ ގާނޫނާ ޚިލާފު އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ، ޑރ. ޔޫނުސްގެ ވަގުތީ ސަރުކާރުގެ ނިންމުންތަކާ ދެކޮޅަށް ހުއްޓުމެއްނެތި .މުޒާހަރާ ކުރަމުންދާނެ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




