މާލޭ އެމްޕީއެލް ބަނދަރުން ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ކައްޕި އަތުގައި ލައިސެންސެއް ނެތް އަދި ކައްޕި ކަމުގެ ސެޓިފިކެޓެއް ވެސް ނެތް ކަަމަށާއި، މިފަދަ ކަމެއް ތަކުރާރުވުން ހުއްޓުވުމަށް، މުދާ ގެންނަ ފަރާތުން، މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނުންގެ ފެންވަރު ވަޒަންކޮށް، ލައިސަންސް ޗެކްކުރަންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށް އެމްޕީއެލްއިން މިއަދު ބުނެފި އެވެ.
މިދިޔަ އާދިއްތަ ދުވަހު އެ ކޮޅުވެއްޓި ބަންޑުން ޖަހާލީ، ދެ އެކްސްކަވޭޓަރު ބަރުކުރަން އުޅުމުގެ ތެރޭގަ އެވެ. 14 ވަރަކަށް މީހުން ތިބި އެ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ހަ ވަރަކަށް މީހުންނަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދީފައިވެ އެވެ. އޭގެ ތެރެއިން އެމްޕީއެލްގެ ދިވެހި އަދި ބިދޭސީ މުވައްޒަފަކު ވަނީ މަރުވެފަ އެވެ.
މި މައްސަލައާ ގުޅިގެން އެމްޕީއެލްއިން ހިންގި އެތެރޭގެ ތަހުގީގަށްފަހު މިއަދު ނެރުނު ބަޔާނުގައި ވަނީ، ދެ އެކްސްކަވޭޓަރު އަރުވަން މުދާ އެތެރެކުރި ފަރާތުން ހަމަޖެއްސި ކޮޅުވެއްޓީގެ ކައްޕީގެ ބޮޑެތި އިހުމާލުތަކެއް އޮތްކަން ފާހަގަކޮށްފަ އެވެ.
އެމްޕީއެލްއިން ބުނީ، އެ ކައްޕިއަކީ އެފަދަ އުޅަނދަކަށް މުދާ ބަރުކުރުމުގެ އިރުޝާދު ދިނުމަށް ގާބިލުކަން ލިބިފައިވާ މީހެއް ނޫން ކަމާއި އޭނާގެ އަތުގައި އެކަމުގެ ސެޓިފިކެޓު އަދި ކައްޕިކަމުގެ ސެޓިފިކެޓު ވެސް ނެތް ކަމަށެވެ.
އެމްޕީއެލްއިން ބުނިގޮތުގައި ކޮޅުވެއްޓީގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ހުރީ ގަވާއިދާ އެއްގޮތަށް ނަމަވެސް، އޭގެ ސްޓެބިލިޓީ ގެއްލިދާނެ ކަންކަން ހުއްޓެވެ. އެގޮތުން، މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މުދާ ކަހާލުމުގެ ފުރުސަތު އޮތް ކަމެއްކަމަށް ބުންޏެވެ.
އެމްޕީއެލްއިން ބުނިގޮތުގައި ކޮޅުވެއްޓި ކަހާލަން މެދުވެރިވި މައިގަނޑު ސަބަބަކީ، ކައްޕީގެ އިރުޝާދަށް އެކްސްކެވޭޓަރުތައް ބަހައްޓައި އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓުން ނަގައި މަސައްކަތް ނިންމާލި ފަހުން، ކައްޕިގެ އެދުމުގެ މަތިން އުޅަނދުގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރު ޕޯޓު ފަރާތަށް ޖެއްސުމާ ގުޅިގެން، ބޯޓުގެ ސްޓެބިލިޓީ ގެއްލިގެން ކަމަށެވެ. ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންތަކުގައި މުދާ ބަރުކުރުމުގައި ކޮޅުވެއްޓީގެ ސަލާމަތުގެ ޒިންމާ ނަގަން ޖެހޭނީ ކައްޕި ކަމަށް ވެސް ބުންޏެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމްޕީއެލްގެ 10 މުވައްޒަފަކު މޫދަށް ވެއްޓި އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި، އެ މުވައްޒަފުން އޭރު އޭގައި ތިބީ، މަސައްކަތް ނިންމާލައި އެނބުރި މާލެ ވިޔަފާރި ބަނދަރަށް އައުމަށް އަރަން ޖެހޭ ޓަގު ބޯޓަށް އެރެން އޮތީ އެ ކޮޅުވެއްޓި ގިރާކޮށްފަ ކަމަށްވާތީ ކަމަށް އެމްޕީއެލްގެ ބަޔާނުގައި ވެއެވެ.
ކޮޅުވެއްޓިއަށް ދެ އެކްސްކެވޭޓަރު ބޭލުމުގެ އޮޕަރޭޝަންސްތައް އެމްޕީއެލުން ފުރިހަމަކޮށް، ނިންމާފައިވަނީ އެފަދަ އޮޕަރޭޝަންސްތަކުގައި މި ވަގުތު އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ވެސް ބުންޏެވެ.
އެމްޕީއެލްއިން ބުނިގޮތުގައި މުދާ ގެންނަ ފަރާތުން މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިންގެ ފެންވަރު ވަޒަންކުރުމާއި ލައިސަންސް ޗެކްކުރުން ފަދަ ކަންތައްތަކަކީ އެމްޕީއެލުން އަމަލުކުރަމުންދާ ގަވައިދުތަކާއި އުސޫލުގެ ތެރެއިން، އެ ކުންފުނިން މި ވަގުތު ބަލަންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް މި ހާދިސާއާގުޅިގެން، އެފަދަ ކަމެއް ތަކުރާރުވުން ހުއްޓުވުމަށް، މި އުސޫލު މުރާޖާކޮށް، މިހާރު ބަދަލުކުރެވިފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.
އެގޮތުން، ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންތަކުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތައް މުރާޖާކޮށް، ހާއްސަ އޮޕަރޭޝަންތަކުގައި ސޭޕްޓީ މުވައްޒަފުން ބައިވެރިކުރުވުމާއެކު، ސަލާމަތާއި ރައްކާތެރިކަމަށް މުވައްޒަފުން ހޭލުންތެރިކުރަން މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށް ބުންޏެވެ.
މި ހާދިސާގައި ނަފްސާނީގޮތުންނާއި ޖިސްމާނީ ގޮތުން އަސަރުކޮށްފައިވާ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ،
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




