މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުށި / މާޖެހިގެ، މާދިން މުޙައްމަދު ނަޞީރު (19އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު ކަންނެލި ޖެޓީ ސަރަހައްދުން ހުއްޓުވައި ބަލައިފާސްކޮށްފައެވެ.
އެ ސަރަހައްދުން ދިޔަ ސައިކަލެއްގެ ފަހަތުގައި އިން މާދިން މުޙައްމަދު ނަޞީރުއަށް ފުލުހުން ފެނުމުން، އޭނާގެ އަތުގައި އޮތް އެއްޗެއްވަނީ އެއްލައިލާފައެވެ. ފުލުހުން އެ ތަކެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެެކެޓު ފެނިފައިވެއެވެ
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




