ޚިޔާލުތަފާތުވުންތަކާއެކުވެސް ސިޔާސީ ޕާޓީތަކުން އިސްކަން ދޭންވާނީ ޤައުމީ މަސްލަހަތަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
އެގޮތުން، ފުރިހަމަ ޑިމޮކްރަސީއެއްގައި ޚިޔާލުތަފާތުވުންތަކާއެކުވެސް ސިޔާސީ ޕާޓީތަކުން އިސްކަން ދޭންވާނީ ޤައުމީ މަސްލަހަތަށްކަމަށާއި އަދި ޑިމޮކްރަސީގެ ރިވެތި އުސޫލުގެ ތެރެއިން އެފަދަ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ސިޔާސީ ޕާޓީތަކަށް އެއް މޭޒަކަށް އެރެން ޖެހޭނެ ކަަމަށާއި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވާނީ ސިޔާސީ ޕާޓީތަކުގެ ނިޒާމާއި ސިޔާސަތުތައް ހަރުދަނާވިވަރަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ސިޔާސަތުތައް ކަނޑައެޅުމުގައި ހުރިހާ މަރުހަލާއެއްގައިވެސް ރައްޔިތުންގެ އަޑު އަހައި، ޚިޔާލުތައް ބަލައިގަނެވޭކަން ކަށަވަރުކުރަން ޖެހޭކަމަށް ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، ރައްޔިތުން އުފައްދާ ވެރިކަމެއް އޮތުމަކީ ޑިމޮކްރަސީގެ އެންމެ ރިވެތި ސިފަކަން ފާހަގަކުރައްވައި، ވޯޓު ދިނުމުގެ ޙައްގަކީ އެގޮތުން ރައްޔިތުންގެ އަޑު އިއްވުމަށް ލިބޭ މުހިންމު ފުރުޞަތެއްކަމަށާއި އަދި އެ ޙައްޤު އަދާކުރެއްވުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
"ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްގެއް ވޯޓުލުމުގެ ޙައްގަކީ. އެހެންވީމަ އެ ޙައްގު އަދާކުރުން އެއީ ކޮންމެ ރައްޔިތަކުވެސް ކުރަންޖެހޭކަމެއް. އެއީ އެ މީހެއްގެ ޒިންމާ އަދާކުރަން އެބަޖެހޭ. ޒިންމާ އަދާކޮށްގެން ނޫނިއްޔާ އެ ބޭނުންވާ ކާމިޔާބެއް ނުވަތަ ކުރިއެރުމެއް ނުވަތަ ދާންބޭނުންވާ މަންޒިލަކަށް ނުދެވޭނެ. ޒިންމާއިން ރެކުމުގެ ބަދަލުގައި ޒިންމާ އަދާކުރުން ވަރަށް މުހިންމު. މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރަން ނުވަތަ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރަން ނޫނީ ކައުންސިލް މެންބަރުން އިންތިޚާބުކުރަން ބާއްވާ އިންތިޚާބެއްގައި ވޯޓުނުލައި ތިބެފަ ދެން އެކަމަށް ފާޑުކިޔުން އެއީ އެންމެ ޒިންމާދާރުގޮތެއް ނޫން،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ
ހަމައެއާއެކު، ކޮންމެ ކަމެއްވެސް ކުރަންވާނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެެއިން ކަމަށާއި ކޮންމެ ކަމެއްގައިވެސް ދެ ފަރާތުގެ ޙައްގު އޮންނާނެކަން ދަނެގަނެ އެ ޙައްގުތަކަށް ރައްކާތެރިވުން މުހިންމު ކަމަށާއި އަދި ކުރިއަށްއޮތްތާނގައި ރާއްޖެ ވާނީ ޑިމޮކްރަސީގައި ނަމޫނާ ޤައުމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށާއި މުސްތަގުބަލު ވަރަށް ހަރުދަނާކޮށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް



 
    


