ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ޖުޑީޝަރީއަށް ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށާއި އެ އެކަމަށް މަގުފަހިކުރުމަށްޓަކާ ކުރެވެމުންދާ ކަންކަމުގެ ތެރެއިން މާލީގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މިއަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑީޝަރީއަށް ލިބިގެންދާނޭ ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާ ކޮށް އިއްޔެ ކެބިނެޓުން ނިންމަވާފައިވާ ކަމަށެވެ.
ޖުޑިޝަރީ މިނިވަންކަމާއެކު ފަންކްޝަންކުރުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށްވާއިރު އެކަމަށް މަގުފަހިކުރުމަށްޓަކާ ކުރެވެމުންދާ ކަންކަމުގެ ތެރެއިން މާލީގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މިއަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން…
— Dr Mohamed Muizzu (@MMuizzu) September 11, 2025
އެގޮތުން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގަރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ.
''އަދި އެގޮތުން ކަނޑައެޅޭ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގތަކަށްވުރެ ބޮޑު ޢަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށްވެސް ވަނީ ނިންމާފައި. މިކަމަށްޓަކާ ޤާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި'' ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




