ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުން ތާޖުއްދީން ސްކޫލު ގްރޭޑް 10ގެ ދަރިވަރުންނަށް މައުލޫމާތު ދީފިއެވެ.
އިއްޔެ ތާޖުއްދީން އެ ސްކޫލުގައި ކުރިއަށްގެންދިޔަ މި ސެޝަނަކީ މާފަންނު ޕޮލިހުގެ ނެއިބަހުޑް ސަޕޯޓާއި ސައިބަރ ކްރައިމް ސެންޓަރު އަދި ތާޖުއްދީން ސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ސެޝަނުގައި އިންޓަނެޓް ބޭނުންކުރާއިރު ދަރިވަރުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމާއި ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދީފައިވެއެވެ. އަދި އެންމެ ރަނގަޅު ގޮތަކީ މައިންބަފައިންގެ ބެލުމުގެ ދަށުން އިންޓަނެޓް ބޭނުންކުރުން ކަމުގައި ބުނެދީފައިވެއެވެ.
އަދި އިންޓަނެޓުން ބައްދަލުވާ ނުދަންނަ އެއްވެސް ފަރާތަކަށް އެއްވެސް ކުއްޖެއްގެ ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށް ވެސް ދަރިވަރުންނަށް ކިޔައިދީފައިވެއެވެ.
އޭގެ އިތުރުން، އިންޓަނެޓް ބޭނުންކޮށް ހިންގާ އެކި ކުށްތަކާއި އެ ކުށްތަކުން ރައްކާތެރިވެތިބުމަށް ދަރިވަރުންނަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކުރިއެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އެހެން މީހުންނަށް އިހުތިރާމުކުރުމަށާއި އެހެން މީހުންގެ އަގު ވައްޓާލައި މަލާމަތްކުރުމާއި އަބުރަށް ހުތުރު ނަމެއް ލިބޭނެފަދަ އެއްވެސް ކަމެއް ނުކުރުމަށާއި ކޮންމެ ކުއްޖަކީ ވެސް ކޮންމެތާކު އުޅުނަސް އަޚުލާގު ރަނގަޅު ކުއްޖެއް ކަމުގައިވުމަށާއި އެހެން މީހުންނަށް ރަނގަޅު ނަމޫނާއަކަށް ވުމަށް އަބަދުވެސް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
އަދި ބޭކާރު ކަންކަމުގައި އިންޓަނެޓް ބޭނުންކުރުމުގެ ބަދަލުގައި ދަރިވަރުން ކުރިއަށްދާން ބޭނުންވާ ރޮނގުތަކުން މައުލޫމާތު މުއްސަނދިކޮށް އާއިލާއާއި ގައުމަށް ފައިދާހުރި ގޮތުގައި އިންޓަނެޓުގެ ބޭނުންހިފާ ބަޔަކަށް ވުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ދިރިއުޅުމުގެ އެކި ކަންކަމަށް ސްކޫލު ދަރިވަރުން ލޯހުޅުވައި ހޭލުންތެރިކުރުވައި އަދި ކުށްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ފުލުހުން ގެންދަނީ ތަފާތު ޕްރޮގްރާމުތައް ހިންގަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް