4 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މިއަދު ސޮއިކުރެވުނު މި އެއްބަސްވުންތަަކަކީ، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭ.ޑީ.ބީ)ގެ ހިލޭ އެހީއާއި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މަޝްރޫޢު ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓަ އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް އިން ކ. މާފުށްޓާއި ކ. ތުލުސްދޫގެ އިތުރުން އދ. މަހިބަދޫ އާއި އދ. ހަންޏާމީދޫގައި ކުނި މެނޭޖްކުރާ މަރުކަޒުތަކެއް ގާއިމުކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓާއި މިމަސައްކަތުގެ ކޮންޓްރެކްޓަރުންނާއި ދެމެދު ވެވުނު އެއްބަސްވުންތަކެކެވެ.
އެގޮތުން ކ. ތުލުސްދޫ އަދި ކ، މާފުށީގެ ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް ވީ އަވަރ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. މިދެ އެއްބަސްވުމުގެ ޖުމްލަ އަގަކީ 5,817,947.70ރ (ފަސްމިލިއަން އަށްލައްކަ ސަތާރަހާސް ނުވަސަތޭކަ ސާޅީސް ހަތް ރުފިޔާ ހަތްދިހަ ލާރި) އެވެ.
އަދި އދ. މަހިބަދޫގެ ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް ސަނީ ލޭންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. މި އެއްބަސްވުމުގެ ޖުމްލަ އަގަކީ 4,269,446.82ރ (ހަތަރު މިލިއަން ދެލައްކަ ފަސްދޮޅަސް ނުވަހާސް ހަތަރުސަތޭކަ ސާޅީސް ހަ ރުފިޔާ އަށްޑިހަ ދެ ލާރި)އެވެ.
މީގެ އިތުރުން އދ. ހަންޏާމީދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމުކުުރުމަށް ހަވާލުކޮށްފައިވަނީ އެލީޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. 150 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް ހަވާލުކުރެވުނު މި އެއްބަސްވުމުގެ ޖުމްލަ އަގަކީ 4,697,103.38ރ (ހަތަރު މިލިއަން ހަލައްކަ ނުވަދިހަ ހަތްހާސް އެއްސަތޭކަ ތިން ރުފިޔާ ތިރީސް އަށް ލާރި) އެވެ.
ސާފުރާއްޖެ ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުޙައްމަދު ފާއިޒެވެ. އަދި މަސައްކަތް ހަވާލުކުރެވުނު ކުންފުނިތަކުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެކުންފުނިތަކުގެ އިސްވެރިންނެވެ.
މިހަތަރު ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުތަށް ގާއިމުކުރުމުގެ މަސައްކަތް މިއަދު ހަވާލުކުރިނަމަވެސް ކުނި މެނޭޖްކުރުމަށް މިރަށްރަށަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްތައް މިނިސްޓްރީންވަނީ މީގެކުރިން މިރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކޮށްފައެވެ. އެގޮތުން މީގެ ތެރޭގައި ރަށުތެރޭ ކުނިއުފުލަން ބޭނުންކުރާ ވެހިކަލްގެ އިތުރުން ދަޅުފިއްޔާ މެޝިނާއި ވުޑް ޗިޕަރ ހިމެނޭކަމުގައި ފާހަގަކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް