ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ އެތުލީޓުންގެ މަގާމު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ އައިޝަތު ޝައިމް އަޒީޒް އަދި ހަސަން ޝައްމޫން ހޯދައިފިއެވެ.
މި ފަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އަންހެން ޓީމުގެ މަގާމާއި ފިރިހެން ޓީމުގެ މަގާމު ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުންނެވެ. މިއީ ފިރިހެން ބައިގެ އެންމެ މޮޅު ޓީމަކަށް ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ހޮވުނު ފުރަތަމަ ފަހަރެވެ.
ގިނަ ކާމިޔާބީތަކަކާއެކު އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމު ހޯދި ޝައިމް ވަނީ 3 ރަން މެޑަލް ހޯދައި، ގައުމީ ރެކޯޑަކާއި މީޓް ރެކޯޑެއް ހަދައިފައެވެ. ޝައިމް، ރަން މެޑަލްއަކާއެކު ލޯންގް ޖަމްޕް ގައުމީ ރެކޯޑު އާކޮށްފައިވާ އިރު، މިފަހަރު އޭނާ ވަނީ 5.24 މީޓަރު ދުރަށް ފުންމައިފައެވެ. ފާއިތުވި އަހަރުގެ ގައުމީ މުބާރާތުގައި ޝައިމް ލޯންގް ޖަމްޕު ގައުމީ ރެކޯޑް ހެދީ 5.20 މީޓަރު ދުރަށް ފުންމައިގެންނެވެ.
ރަން މެޑަލްއާއެކު ޝައިމް މީޓް ރެކޯޑު ހެދީ، ހައި ޖަމްޕް އިވެންޓްގައެވެ. އޭނާ 1.48 މީޓަރު މައްޗަށް ފުންމާފައިވާ އިރު، ކުރިން މީޓް ރެކޯޑު އޮތީ ވިކްޓަރީގެ މަރިޔަމް ޝިފްޒާ އަތުގައެވެ. އޭނާ އަތުގައި ރެކޯޑު އޮތީ 1.41 މީޓަރު މައްޗަށް ފުންމައިގެންނެވެ.
މީގެ އިތުރުން ރާއްޖޭގެ އަންހެންހައި ޖަމްޕް ރެކޯޑުވެސް 1.50 މީޓަރު މަތިން ފުންމައިގެން ހަދާފައިވާ ޝައިމް މީގެ ކުރިން ރެކޯޑު ހެދީ ގައުމީ މުބާރާތުގައެއް ނޫނެވެ. އެހެންކަމުން މިއީ މީޓް ރެކޯޑު އޭނާ ހޯދި ފުރަތަމަ ފަހަރެވެ.
ޝައިމް މިފަހަރު ދެން ރަން މެޑަލް ހޯދި އިވެންޓަކީ ޖެވެލިން ތުރޯއެވެ. ޝައިމް ޖެވެލިން ތުރޯގެ ރަން މެޑަލް ހޯދީ 27.12 މީޓަރު ދުރަށް އެއްލައިގެންނެވެ.
މިދިޔަ އަހަރު އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެވެސް އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަޤާމް ހޯދާފައިވާ ޝައްމޫނަކީ ގައުމީ މުބާރާތުން 2016 ވަނަ އަހަރުވެސް އެންމެ މޮޅު އެތުލީޓް ހޯދާފައިވާ ފަރާތެކެވެ. މިފަހަރު ޝައްމޫން ވަނީ ޑިސްކަސް އުކުމުގެ އިތުރުން ޝޮޓް ޕުޓް އުކުމުންވެސް ރަން މެޑަލް ހޯދައިފައެވެ. ޝޮޓް ޕުޓް އުކުމުގެ ގައުމީ ރެކޯޑުވެސް އޮންނަ ޝައްމޫން މިފަހަރުގެ އިވެންޓް ކާމިޔާބުކުރީ، 10.41 މީޓަރު ދުރަށް އެއްލައިގެންނެވެ. އަދި، ޑިސްކަސް އުކުމުން ޝައްމޫން ރަން މެޑަލް ހޯދީ، 29.04 މީޓަރު ދުރަށް އެއްލައިގެންނެވެ. އެއިވެންޓްގެ ގައުމީ ރެކޯޑް ހޯލްޑަރަކީވެސް ޝައްމޫނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް