އިޓަލީގެ މަޝްހޫރު ގޯލްކީޕަރު ޖިއާން ލުއީޖީ ޑޮނަރޫމާ، ފަރަންސޭސި ކްލަބު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ދޫކޮށްލިކަން ރަސްމީކޮށް އިއުލާނު ކޮށްފިއެވެ.
މިދިޔަ ސީޒަނުގައި ޕީއެސްޖީއަށް ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެއް ކަމަށްވާ ޑޮނަރޫމާގެ މި ނިންމުމަކީ ޕީއެސްޖީގެ ސްކޮޑުން އޭނާ ބާކީ ކުރުމުން ނިންމި ނިންމުމެއްކަމަށް ބެލެވެއެވެ.
އުމުރުން 26 އަހަރުގެ ޑޮނަރޫމާއާ އެކު ޕީއެސްޖީ އިން މިހާރު ހަދާފައިވާ އެއްބަސްވުން އާ ނުކުރަން އެ ކްލަބުން ވެސް ވަނީ ނިންމައިފައެވެ. ޑޮނަރޫމާ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާން އޮތް ނަމަވެސް ކްލަބް ދޫކޮށްލި ކަން އޭނާ އިއުލާނު ކުރީ މިހާރު ކުރިއަށްދާ ޓްރާންސްފާ ވިންޑޯގައެވެ.
ޑޮނަރޫމާ ޕީއެސްޖީގެ ފުރަތަމަ 11 އިން ބާކީވީ ޕީއެސްޖީން އުމުރުން 23 އަހަރުގެ ފްރާންސް ކީޕަރު ލޫކަސް ޝެވަލިއޭ ގެނައުމުންނެވެ. ފްރާންސްގެ ކްލަބް ލިލްއަށް ކުޅެމުން އައި ޝެވަލިއޭ އަކީ ޔޫއެންއެފްޕީ ފުޓުބޯޅަ ޔޫނިއަން އިން ހޮވި މިދިޔަ ސީޒަނުގެ އެންމެ މޮޅު ގޯލްކީޕަރުވެސް މެއެވެ.
ޕީއެސްޖީ ދޫކޮށްލިކަން ރަސްމީކޮށް އިއުލާނުކުރަމުން ޑޮނަރޫމާ ކުރި ޕޯސްޓެއްގައި ބުނީ ކްލަބަށް ސޮއިކުރި ހިސާބުން ފަށައިގެން އެ ކްލަބުގެ ގޯލުގެ ދިފާއުގައި ކުރެވުނު ހުރިހާ މަސައްކަތެއް ކުރި ކަމަށާއި، މިހާރު ހާލަތު ހުރި ގޮތުން، އޭނާއަށް އެ ކްލަބުގައި ނުހުރެވޭނެކަން ވަކި މީހަކު ނިންމާފައިވާ ކަމަށެވެ. މިހެން ޑޮނަރޫމާ ބުނެފައި ވަނީ ޕީއެސްޖީގެ ކޯޗު ލުއިން އެންރީކޭ އަށް ނިސްބަތްކޮށްކަމަށް ބެލެވެއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޑޮނަރޫމާއާއި ކޯޗު ލުއިސް އާ ދެމެދު މައްސަލަތަކެއް ޖެހިފައި ވަނީ ޕީއެސްޖީން ކުޅެން އޮތް، ޔޫއެފާ ސުޕަ ކަޕް ސްކޮޑަށް ޑޮނަރޫމާ ނުނެގުމުންނެވެ.
ޑޮނަރޫމާ ހޯދަން ގިނަ ކްލަބްތަކަކުން މިހާރު މަސައްކަތް ފަށާފައިވާ އިރު، އޭނާ ދެން ބަދަލުވާނީ ކޮން ކްލަބަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް