ގިރާވަރުފަޅާއި ހުޅުމާލެ 3 ހިއްކަން 35 މިލިއަން ޑޮލަރު (539 މިލިއަން ރުފިޔާ) ޚަރަދުކުރުމަށް ނިންމައި އެ މަސައްކަތް ހަވާލުކުރި ކުންފުންޏާއެކުވެފައިވާ އެއްބަސްވުން ބާތިލުކޮށް ގިރާވަރުފަޅުގެ މަސައްކަތް އަލުން ފެށުމަށް މަސައްކަތްކުރަމުންދާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރޭ ކުރިއަށްދިޔަ އަޚާ ފޯރަމްގައި އާއްމުންގެ ފަރާތުން ބޭފުޅަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެބޭފުޅާ ވަނީ ގުޅީފަޅުން ގޯތި ދޭ ވާހަކަ ދައްކާއިރު ގިރާވަރުފަޅުގެ ވާހަކަ ނުދައްކަވަނީ ކީއްވެކަން ސާފުކޮށްދިނުމަށް އެދި ވަޒީރާ ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވަނީ، ގިރާވަރުގެ ރައްޔިތުންނަށްވެސް ގުޅީފަޅުން ގޯތި ދޭ ގޮތަށް ވަރަށް އަވަހަށް ގޯތި ދޭން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެ އެތަނުން ގޯތި ދިނުން ލަސްވާ ސަބަބުތަކަށް އަލިއަޅުވާލައްވާ މި މައްސަލައިގައި ކަންވެފައިވާގޮތް ތަފްސީލްކޮށްދެއްވާފައެވެ.
އެގޮތުން، ގިރާވަރުފަޅު ހިއްކުމަށްޓަކައި ކުރީ ސަރުކާރުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދެފަހަރެއްގެ މަތިން 20 މިލިޔަން ޑޮލަރު ދީފައިވާކަމަށާއި އަދި އިތުރަށް މަސައްކަތް ކުރުމަށްޓަކައި އިތުރަށް ފައިސާ ދިނުމަށް ޑިމާންޑްކުރިކަމަށާއި އިތުރު 15 މިލިޔަން ޑޮލަރުވެސް ސަރުކާރުން އެކުންފުންޏަށް ދެއްކިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢުގައި ޖުމްލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކޮށްފައިވީނަމަވެސް ހިއްކާފައި އޮތީ އެންމެ 60 ހެކްޓަރުގެ ބިންކަން ވަޒިރު ފާހަގަކުރެއްވިއެވެ.
"ދެން އެފަރާތުން ޑިމާންޑް ކުރީ ހިއްކާފައި އޮތް މިންވަރަށް ވާވަރަށް ޑިމާންޑްކުރާ އަދަދަށް ފައިސާ ދިނުމަށް. ޙަޤީގަތުގައި ބެލިބެލުމުން އެތަނުގައި ހިއްކާފައި އޮތީ 20 މިލިޔަން ޑޮލަރަށް ވާވަރަށް. ގިރާވަރުގެ އެގްރީމަންޓް ހަދާފައި އޮތީ ކޮންޓްރެކްޓަރާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކިޔާ ސަރުކާރުގެ ކުންފުންޏަކާއެކު."ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިފަދަ އެތަކެއް މައްސަލަތަކެއް ހުރުމާއި ގިރާވަރުން އަވަހަށް ގޯތިދިނުމަށްޓަކައި އެ ފަރާތާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް ނިންމާ ބަންޑާރަނައިބުގެ އޮފީހުން އެ މަސައްކަތް ކުރަމުންދާކަމަށާއި ނަމަވެސް މިއަދާ ހަމައަށްވެސް އެއަށް ހައްލެއް ލިބިފައިނުވާކަމަށެވެ.
އަދި ކުރީ ސަރުކާރުން އެގްރީމަންޓް ހަދާފައި އޮތީ ސަރުކާރަށް ވަރަށްބޮޑަށް ގެއްލުން ވާގޮތަކަށްކަމަށާއި މިހާރުވެސް އެކުންފުންޏަށް 35 މިލިޔަން ޑޮލަރު ދީފައިވުމުން ސަރުކާރުން މަސައްކަތް ކުރަނީ އިތުރަށް ބަދަލެއް ނުދީ އެއްބަސްވުން ބާޠިލްކުރެވޭނެ ގޮތަކަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މީގެ ކުރިއަށް ބަލާއިރުވެސް އެ ކޮންޓްރެކްޓަރަކީ އަބަދުވެސް ކޮންޓްރެކްޓް ބާޠިލް ކުރުމުގެ ވިސްނުން ގެންގުޅޭ ކުންފުންޏެއް. ކޮންޓްރެކްޓް ބާޠިލްކުރުމަށްފަހު އާބިޓްރޭޝަން އަށް ގޮސްގެން ބޮޑެތި ބަދަލުތައް ހޯދާ. އަޅުގަނޑުމެން ވިސްނަންޖެހޭ އެގްރީމަންޓް ބާޠިލްކުރާއިރު އުޞޫލްގެ ތެރެއިން ވީހާވެސް ރަނގަޅަށް އެކަން ކުރުމަށް." ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް