އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކާޑިއޯތޮރޭސިކް ސަރޖަރީ ކުރަން ފަށާނެ ކަމަށް އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމެޓީގައި އިއްޔެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޝާހު ވިދާޅުވީ އެ ޚިދުމަތް މިއަހަރު ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަކަމަށާއި އަދި ހިތުގެ ބަލިތަކާއި ގުޅޭ ފަރުވާ ފުރިހަމަކުރުމަށް ކުރަމުން އަންނަ މަސައްކަތުން މިހާރު އެކަމަށް ބޭނުންވާ ބޭރުގެ ޑޮކްޓަރުން ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.
ކާޑިއޯތޮރެސިކް ސާޖަރީ އަކީ މޭމަތީގެ ތެރޭގައިވާ ގުނަވަންތަކުގެ ބަލިތައް ދެނެގަނެ ފަރުވާ ދިނުމަށް ޚާއްސަ ދާއިރާއެކެވެ.
މީގެ އިތުރުން ރެޑިއޮލޮޖީގެ ޚިދުމަތް ހަރުދަނާ ކުރުމަށްވެސް އިތުރު މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. ހަމަމިއާއި އެކު އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޖެރިއަޓްރިކް ޚިދުމަތްވެސް ފެށުމަށް ވަނީ ނިންމާފައެވެ.
މިއަދު މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި އައިޖީއެމްއެޗް، އާސަންދަ އަދި އެންސްޕާގެ އިސްވެރިން ވަނީ ކޮމެޓީ އަށް ޞިއްހީ ޚިދުމަތް ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތަފްޞީލް ހިއްސާކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް