ސިޔާސީ ނިޒާމެއްގެ ތެރެއިން އެންމެ މުހިންމު ކަމަކީ ސިޔާސީ ޕާޓީތަކަށް މިނިވަންކަމާ އެކު، ސިޔާސީ ވެރިންނަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮތުންކަމަށާއި އެ ފުރުސަތު ފުޅާކޮށް މިއަށް ވުރެ ތަންމިނަށް ހުޅުވާލެވުނު ޒަމާނެއް ރާއްޖޭގެ ސިޔާސީ ނިޒާމު ދެކެފައިނުވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަލްޓި ޕާޓީ ސިސްޓަމް ނުވަތަ ގިނަ ޕާޓީތައް އެކުލެވޭ ވެރިކަން ކުރުމުގެ ނިޒާމު ރާއްޖެއަށް އައިފަހުން ސިޔާސީ ލީޑަރުންނަށް އެންމެ ބޮޑު މިނިވަންކަމެއް ލިބުނީ މި ވެރިކަމުގައިކަމަށެވެ.
އަދި މިއަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދިވެހި ޤައުމު އޮތީ ތާރީޚުގައިވެސް ދުވަހަކު ނުދެކޭފަދަ ދަރަނިވެރި ހާލަތެއްގައި ކަމަށާއި ކުރީ ސަރުކާރުގައި ޤައުމު އޮތީ މިނިވަންކަމާއި ސިޔާދަތާމެދު ސުވާލު އުފެދޭ ހާލަތެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.. އަދި އެދުވަސްވަރު ދިވެހި ރައްޔިތުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެ، މާޔޫސްވެފައިވާ ކަމަށާއި، ޤައުމުގައި ކޮންމެހެން ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ރައްޔިތުން ވަނީ ގަބޫލުކޮށްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
"ކޮރަޕްޝަނާއި ފަސާދަ އޮތީ އިންތިހާއަށް އާންމުވެފައި. ވެރިކަމުގައި އެއްވެސްް އުރަތްޕެއް ނެތް. ފަންވަރެއް ނެތް." މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން، އޭރުގެ ވެރިކަން ކުރަމުންދިޔަ ޕާޓީގެ ތެރޭގައިވެސް ވަނީ ބޮޑެތި ރޫޅުންތަކެއް އައިސްފައިވާ ކަމަށާއި، ޕާޓީގެ ތެރެއިން އޭރުގެ ވެރިކަމާމެދު ހިތްހަމަނުޖެހުންތައް ފާޅުކުރަމުން ދިޔަކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ މިދެންނެވި ހުރިހާ ކަމެއްގެ އަގު އަދާކުރަން ޖެހުނީ ދިވެހި ރައްޔިތުންނަށް ކަމަށާއި، ހުރިހާ ބުރައެއް އުފުލަން ޖެހުނީވެސް ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި މިކަންކަމުން މިންޖުވުމަށް ރައްޔިތުން އެދުނު ދުވަހު، އެކަމަށް އިޚްތިޔާރުކުރެއްވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމަކާ އެކު ޑިމޮކްރެޓިކް ވެރިކަމެއް ފެށިތާ މިހާރު 15 އަހަރު ފާއިތުވެ ގޮސްފައިވާ ކަމަށާއި، ފާއިތުވި އެކި ދައުރުތަކުގައި ފެނުނު ވެރިކަންތަކުން އެކި ފިލާވަޅުތައް ލިބިފައިވާ ކަމަށެވެ. އެގޮތުން ކުރިން ވެރިކަމާ ހަވާލުވި ކޮންމެ ބޭފުޅެއްގެ ވެރިކަމުގައި އަހަރެއް ފުރިގެން ދިޔައިރު ކޮންމެވެސް ސިޔާސީ ލީޑަރަކު ހުންނެވީ ޖަލުގައިކަން ފާހަގަކުރެއްވި އެވެ.
އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިހާތަނަށް އެއްވެސް ސިޔާސީ ލީޑަރަކު ހައްޔަރުގައި ނެތް ކަމަށާއި ލީޑަރުންނަށް ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒުގެ ވެރިކަމަށް މިހާރު އަހަރަކާއި ހަ މަސް ވެގެން ގޮސްފައިވާއިރު، މިއަދު ރާއްޖޭގެ ސިޔާސީ މަޝްރަހާއި އިދިކޮޅުގައި މަސައްކަތް ކުރައްވާ ލީޑަރުންގެ ކަންކަން ހުރި ގޮތް ރަނގަޅަށް ބަލަން ޖެހޭ ކަމަށެވެ.
"ގައުމެއް ބިނާކުރުމުގައި ސިޔާސީ ނިޒާމެއްގެ ތެރެއިން އެންމެ މުހިންމު ކަމަކީ ސިޔާސީ ޕާޓީތަކަށް މިނިވަންކަމާ އެކު، ސިޔާސީ ވެރިންނަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮތުން. އެ ފުރުސަތު ފުޅާކޮށް މިއަށް ވުރެ ތަންމިނަށް ހުޅުވާލެވުނު ޒަމާނެއް ރާއްޖޭގައި މި ދެންނެވި 15 އަހަރުގެ މަލްޓި ޕާޓީ ސިޔާސީ ނިޒާމު ދެކެފައެއް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް