ބޭނުންގޮތަކަށް ފައިސާ ޗާޕުކޮށް، ހުރި ހުރިހާ ރަށްރަށާ ފަޅުތައް ވެސް ވިއްކާލައިގެން ފައިސާ ހޯދިދާނެ ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުން އެކަންކަން ނުކުރަނީ އެއީ ގައުމަށް ޚިޔާނާތްތެރިވާން ބޭނުންނުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް އެހެން ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ގައުމުގެ އިގުތިސޯދީ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން، ސަލީމް ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގައުމުގެ އިގްތިސާދު އޮތް ފުން ވަޅުގަނޑު އެއްްވެސް މީހަކަށް އޮޅިފައިނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވެރިކަން ލިބުމުން އިދިކޮޅުން އެންމެ ގިނައިން ދެއްކި އެއް ވާހަކައަކީ ހަ މަސް ދުވަހުގެ ތެރޭގައި ވެރިކަން ފެއިލްވާނެ ކަމަށް ބުނެ ދެއްކި ވާހަކަތައް ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް ރައީސް އެ ގެންދަވަނީ އެމަނިކުފާނަށް މި ގައުމާމެދު ކުރެވެން އޮތް އެންމެ ރަނގަޅަކަށް މަސައްކަތް ކުރައްވަމުން ކަމަށާއި އަދި މިއަދާ ހަމައަށްވެސް އެގެންދަވަނީ ލިބޭ އެއްޗަކުން، މާ ބޮޑެތި ދަރަނިތަކެއް ނެގުމެއްނެތި ހިފަހައްޓަމުން ކަމަށާ މިއަދު މުސާރަ ދޭކަށް ވިޔަފާރިވެރިން ގާތު ސަލާންޖަހާކަށް ނުޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ.
"މުސާރަވެސް މަހުން މަހަށް، ބަރާބަރަށް ދެމުންދަނީ. މީގެ ކުރީ ސަރުކާރުތަކުގައި ބޮޑެތި މުއްސަނދިންގެ އަތުން ފައިސާ ހޯދައިގެން މުސާރަ ދީފަހުރިކަން އަޅުގަނޑުމެންނަށް އެނގޭ. އެހެން ނަމަވެސް މިހާ ދަތިހާލުގައި ގައުމު އޮތް އިރުވެސް، ހަމަ އެއްވެސް ފަރާތަކަށް ދިއުމެއްނެތި ސަރުކާރުގެ ތެރެއިން ކަންކަން ހަމަޖައްސައިގެން މުސާރަޔާ އިނާޔަތްތައްދީ އެހެނިހެން ޚަރަދުވެސް ކުރަނީ. އެއީ އެމަނިކުފާނުގެ ކުޅަދާނަކަން. އާދައިގެ މީހަކަށް މިކަމެއް ނުވާނެ. މިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާކުރަންޖެހޭ" މެންބަރު އަހުމަދު ސަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއަށް ލިބޭ އާމްދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއަ ނަމަވެސް ޖެހިގެން އުޅޭ މައްސަލައަކީ އަޅުގަނޑުމެންނަށް ލިބޭ އެއްޗަކަށް ވުރެ ކުރިއަށް އޮތް އަހަރުތަކަށް ދައްކަން ޖެހޭ ބޮޑެތި ދަރަނިތަކެއް ނަގާފައި އޮތުން ކަމަށެވެ އެ ދަރަނި ނުދައްކާ އިތުރު ކަންކަން ކުރާނެ ގޮތެއް ނޯންނާނެ ކަމަށް ސަލީމް ފާހަގަކުރެއްވިއެވެ.
"މީހެއްގެ ސިކުނޑިން ވިސްނާލަބަލަ އެއް ބިލިއަން ޑޮލަރު އެއް އަހަރުން ދައްކާގޮތަށް 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭ ގައުމެއްގައި މީހަކު ކުރާނެތޯ. މިއީ ހެޔޮނުވާވަރު ކަމެއްނު ކުރަން." މެންބަރު އަހުމަދު ސަލީމް ވިދާޅުވިއެވެ.
ސަލީމް އިތުރަށް ވިދާޅުވީ، 1 އަހަރުން 1 ބިލިއަން ދައްކައިފިނަމަ އެއީ ދައުލަތަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ފައިސާ ކަމަށާއި އޭގެ އިތުރުން މުސާރަޔާ އިނާޔަތްތަކަަށް 1.43 ހާ ބިލިޔަނެއް ހިނގާ ކަމަށާ އޭގެފަހުން ދެން ކުރާނެ އިތުރު ކަމެއް ނޯންނާނެކަން އެއީ ރަނގަޅަށް ވިސްނާ މީހަކަށް އެނގޭނެ ކަމެެއް ކަމަށެވެ.
އެއީ ޤައުމު އޮތް ހާލަތުކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ މި ހުރިހާ ކަމަކާއެކު ވެސް ތަރައްގީގެ މަޝްރޫއުތައް ވެސް މަޑުޖެހުމެއްނެތި ކުރިއަށް ދާކަމަށާއި އެއްވެސް މަޝްރޫއެއް ހުއްޓާލާފައި ނުވާނެ ކަމަށާއި އެކަންކަން ކުރަމުންދަނީ ދައުލަތުގެ ޚަރަދުތަކަށް ކަތާ މިންވަރެއް ބަލައިގެން ކަމަށެވެ. އަދި ނުވާވަރުން ކަންކަން ކުރަން އުޅުމުގެ މިސާލު މިހާރުވެސް ފެންނަމުންދާކަމަށާއި އެގޮތުން ދުވަހެއް ދުވަހަކަށް ދައުލަތުގެ ބަޖެޓު ބޮޑުކުރަން ޖެހުމާ، ނަގާ ދަރަނީގެ މިންވަރާ އަދަދު އިތުރުވުން ސަލީމް ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިކަން ކޮންމެވެސް ހިސާބަކުން މަޑުޖައްސަން ޖެހޭކަމަށް ފާހަގަކުރައްވަމުން ސަލީމް ވދިާޅުވީ، މިއީ އަންނަން އޮތް ޖީލަށްޓަކައި އަޅުގަނޑުމެންނަށް ކުރަން ޖެހިފައިވާ ކަމެއްކަމަށާއި ފައިސާ ޗާޕު ކޮށް ނުވަތަ ރަށްރަށާ ފަޅުތައް ވިއްކާލައިގެން މި ސަރުކާރަށް ވެސް ފައިސާ ހޯދެން އޮތްނަމަވެސް އޭގެ ނަތީޖާއަކަށް ވާނީ ގައުމުގެ ހާލަތު އިތުރަށް ގޯސްވުން ކަމަށްާއި އަދި އެކަން އެގޮތަށް ކުރުމަކީ ގައުމަށް ޚިޔާނާތްތެރިވެ، ޣައްދާރުވުން ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި އާޚިރު ނަތީޖާއަށް ބެލުމެއްނެތި ހިތުހުރި ގޮތަކަށް ފައިސާ ހޯދަން ބޭނުން ނުވަނީ އެހެން ވެގެން ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
"މިހިސާބުން ވެސް އަޅުގަނޑުމެންނަށް ވެސް އެބައޮތޭ ފައިސާ ޗާޕުކުރެވެން ބޭނުންވަރަކަށް. ބޭރުން ބޭނުން ވަރަކަށް ލޯނު ނަގާފަ، މިތާ ހުރި ހުރިހާ ރަށްތަކެއް ނުއަގުގަ ވިއްކާލާފަ، ފައިސާ ހޯދާނެ ގޮތެއް ނޭންގިގެނެއް ނޫނޭ މިއުޅެނީ. ފައިސާ ހޯދާނެ ގޮތް އެނގޭ ބައިވަރު. ކިތައް ރަށް އެބައޮތްތޯ މިތާ. ގަންނާނެ ބައިވަރު އެބައޮތް. މީހުން އެބަތިބި ކުޑަކުޑަ އަގެއްގަ ވިއްކާލަން. އެހުރިހާ ރަށެއް މި ފަސް އަހަރުތެރޭ ވިއްކާލީމަ ޑރ. މުއިއްޒު ވެސް ހަމަޖެހިލައިގެން ހުންނާނެ. އޭރުން ފައިސާގެ އެއްވެސް ކަހަލަ އުނދަގުލެއް ކުރިމަތިނުވާނެ. ޑޮލަރުގެ ދަތިކަމެއް ވެސް ނާންނާނެ." ސަލީމް ވިދާޅުވިއެވެ.
މިހުރިހާ ކަމަކާ ކުރިމަތިލައްވަމުންދާ ހިތްވަރުގަދަ ރައީސަކީ ޑރ. މުހައްމަދު މުއިއްޒު ކަމަށާއި މިކަމަށްޓަކައި އެމަނިކުފާނަށް އެންމެން ވެސް ޝުކުރުވެރިވާން ޖެހޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ރައީސްގެ އަޚުލާގަކީ މިހުރިހާ ކަމެއްގެ މޫ ކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ޚުލްގެއް ނެތް، އަޚުލާގެއް ނެތް މީހަކު ވެރިކަމުގައި ހުރެއްޖެނަމަ ގައުމަށް ވެގެންދާނެ ގޮތް މިދިޔަ އަހަރުތަކުގައި ފެނިގެން ގޮސްފައިވާ ކަމަށެވެ.
އެގޮތުން މިއަދު މި ގައުމުގައި ފިތުނަ އުފެއްދުމާ ފަސާދަކުރުން އިންތިހާއަށް ގޮސްފައިވާކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ގައުމުގެ ހާލަތު މިއަދު ދެއްވެ، މީހުންގެ އަޚުލާގަށް ނުރަނގަޅު އެތައް ބަދަލެއް އައިސްފައިވާ އެންމެ ބޮޑު ސަބަބަކީ އަޚުލާގު ރަނގަޅު ވެރިންތަކެއް ގައުމާ ހަވާލުނުވުމުން ކަމަށެވެ. ނަމަވެސް މިއަދު މިގައުމުގައި ހުރީ ގައުމުގެ ހައްގުގައި މަސައްކަތްކުރަން ކެރޭ، ގައުމަށް ޚިޔާނާތްތެރި ނުވާނެ ޚުލްގުހެޔޮ ވެރިއެއް ކަމަށާ އެއީ ޑރ. މުއިއްޒު ކަމަށް ސަލީމް ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް